އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާ، ވަގުތީ ސަރުކާރެއް އިއުލާން ކޮށްފައި ވާ ތޯލިބާން ޖަމާއަތާ މެދު އިންސާފު ކުރާނީ، އެ ޖަމާއަތުގެ އަމަލުތަކަށް ބަލައިގެން ކަމަށް، އަފްގާނިސްތާނުގައި ވިއްސަކަށް އަހަރު ދުވަހުގެ ހަނގުރާމަ ކުރުމަށް ފަހު އެ ގައުމުން ފައިބައިގެން ގޮސްފައި ވާ އެމެރިކާއިން ބުނެފިއެވެ.

ތޯލިބާނުންގެ ވަގުތީ ސަރުކާރު އިއުލާން ކޮށްފައި ވާއިރު، އެ ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކޮށްފައި ވާ ބައެއް މީހުންނާ މެދު އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ސަރުކާރުގައި މުޅިންވެސް ހިމަނާފައި ވަނީ ތޯލިބާނުންނާއި އެ ޖަމާއަތާ ގާތް ގުޅުންތައް އޮންނަ މީހުން ކަމަށާ، އެންމެ އަންހެނެއްވެސް ބައިވެރި ކޮށްފައި ނުވާ ކަން، އެމެރިކާއިން ފާހަގަ ކުރެއެވެ.

އެމެރިކާއިން ބުނީ، ތޯލިބާނުންނާ މެދު އިންސާފު ކުރާނީ ބުނާ ބަހެއްގެ މައްޗަށް ބަލައިގެން ނޫން ކަމަށާ، ނަމަވެސް އަމަލުތަކަށް ބަލައިގެން ކަމަށެވެ.

ހަމަ މި ރޫހުގައި އެމެރިކާ އިން ވަނީ އަފްގާނިސްތާނުގައި ބާކީ ތިބި އެމެރިކާގެ ރައްޔިތުންގެ އިތުރުން، އަފްގާނިސްތާނުގެ ރައްޔިތުންގެ ތެރެއިން "ނުރައްކަލަށް ހުށަހެޅިފައިވާ" މީހުންނަށް، ރައްކާތެރި ކަމާއެކު އަފްގާނިސްތާނުން ފައިބައިގެން ދެވޭނެ އިންތިޒާމު ކަށަވަރު ކޮށްދިނުމަށް، އެމެރިކާއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކޮށްފައެވެ.

ތޯލިބާނުން އިއުލާން ކުރި ސަރުކާރުގައި ބޮޑުވަޒީރުގެ ގޮތުގައި އިސްކޮށް ހުންނާނީ، އެ ޖަމާއަތުގެ ބާނީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށްވާ މުއްލާ މުޙައްމަދު ހަސަން އަހޫންދުއެވެ. ދާހިލި ވަޒީރު ކަމުގެ މަގާމުން ފެނިގެންދާނީ، އެފްބީއައިއިން އެންމެ ހޯދަން ބޭނުން ވެފައިވާ ހައްގާނީ ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރެއް ކަމަށްވެސް ހަބަރު ލިބެއެވެ.

ދާހިލީ ވަޒީރު ކަމަށް އައްޔަން ކޮށްފައި ވާ ސަރާޖުއްދީން ހައްގާނީއަކީ، ފާއިތުވީ 20 ވަރަކަށް އަހަރު ދުވަހު އަފްގާނިސްތާނުގައި އެމެރިކާއިން ކުރި ހަނގުރާމައާ ދިމާކޮށް، ތޯލިބާނުންނާ ގުޅިގެން ނުރައްކާތެރި ހަމަލާތަކެއް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހައްގާނީ ނެޓްވޯކްގެ އިސްވެރިޔާއެވެ.

ތޯލިބާން ޖަމާއަތާ ހިލާފަށް، ހައްގާނީ ނެޓްވޯކަކީ، އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ވާ ޖަމާއަތެކެވެ.

މި ފަހަރު ވެރިކަމަށް އައީ ބަދަލަކާއެކުގައި ކަމަށް ބުނަމުން ދާ ތޯލިބާނުންގެ ސަރުކާރުގައި އެއްވެސް އަންހެން މެންބަރަކު ނެތީ ކީއްވެތޯ ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށް ވާ ބީބީސީއިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ތޯލިބާން ކަލްޗަރަލް ކޮމިޝަންގެ އަހުމަދުއްލޯ ވާސިގު ވަނީ، މިހާރު އޮތް ކެބިނެޓަކީ އަދި "ފައިނަލް" ވެފައި ވާ ކެބިނެޓެއް ނޫން ކަމަށް ބުނެފައެވެ.