ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ 3 ވަނަ ރާޅެއް ބިންދާލާފާނެ ކަމުގެ އިންޒާރު، ކަމާ ބެހޭ ފަރާތްތަކުން ދެމުން ދިއުމާ ގުޅިގެން، އެ ގައުމުގައި އޮކްސިޖަން އުފައްދާ މިންވަރު، 50 ޕަސެންޓަށް އިތުރު ކުރަން، އަވަށްޓެރި އިންޑިއާއިން ތައްޔާރު ވާން ފަށައިފިއެވެ.
އިންޑިއާގެ އޮކްސިޖަން ސިނާއަތުގެ އިސް އޮފިޝަލަކު ވިދާޅުވީ، މެޑިކަލް ގްރޭޑް އޮކްސިޖަން ނުވަތަ ސިއްހީ ފަރުވާގައި ބޭނުން އޮކްސިޖަން އުފެއްދުމަށް އެގައުމަށް ލިބިފައިވާ ގާބިލިއްޔަތުކަން، ދުވާލަކު 15000 ޓަނަށް އިތުރު ކުރުމަށް އަމާޒު ހިފާފައި ވާ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ މެދަކާ ހިސާބުގައި 3 ވަނަ ރާޅެއްގެ ބިރުވެރިކަމާ އިންޑިއާއަށް ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައި ވާއިރު، އޮކްސިޖަން އުފައްދާ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އޭގެ ކުރިން ފަށާނެ ކަމަށް ވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ ކުރީކޮޅު އިންޑިއާއަށް ކުރިމަތިވި ކޮވިޑްގެ ތޫފާނީ 2 ވަނަ ރާޅުގައި، އެ ގައުމަށް އެންމެ ތަދުވި އެކައްޗަކަށް ވީ މެޑިކަލް ގްރޭޑްގެ އޮކްސިޖަންއެވެ. އޭރު އިންޑިއާގައި އޮކްސިޖަން އުފެއްދުމުގެ ކެޕޭސިޓީއަކީ، ދުވާލަކު 10000 ޓަނެވެ. އެ ދުވަސްވަރު އެންމެ ފުޅާ ދާއިރާއެއްގައި އޮކްސިޖަން ސަޕްލައި ކުރަމުން ދިޔަ އެއް ކުންފުންޏަކީ ލިންޑް އިންޑިއާއެވެ.
އިންޑް ސައުތު އޭޝިއާގެ އިސްވެރިޔާ މޯލީ ބަނީރްޖީ ވިދާޅުވީ، މެޑިކަލް ގްރޭޑްގެ 15000 ޓަނުގެ އޮކްސިޖަން، ދުވާލެއްގެ މައްޗަށް އުފައްދަން، އިންޑިއާގެ ސަރުކާރުން އަމާޒު ހިފާފައި ވާ އިރު، 3 ވަނަ ރާޅުގެ ކުރިން އެ ކުންފުނިން އޮކްސިޖަން އުފައްދާ މިންވަރު، ދުވާލަކު، 13500 ޓަނަށް އިތުރު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު، 2 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައި ވަނީ އިންޑިއާއިންނެވެ. ނަމަވެސް ވެކްސިން ރޭހުގައި އިންޑިއާއިން ކުރިއެރުންތަކެއް ހޯދަމުން އަންނަކަން ފާހަގަ ކުރަން ޖެހެއެވެ. ވެކްސިން ރޭހުގައި، މިދިޔަ އޯގަސްޓް މަހު އިންޑިއާއިން ވަނީ، ޖީ-7ގެ ހުރިހާ ގައުމެއްގައި ވެކްސިން ޖެހި މިންވަރަށް ވުރެ އިތުރަށް ވެކްސިން ޖަހާ، ރެކޯޑް ހަދާފައެވެ.