އޯގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ހަތިޔާރުއެޅި ހަނގުރާމަވެރި، ތޯލިބާން ޖަމާއަތުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ނުގެން ދެވި، އެ ގައުމުގައި އޮތް ހަމައެކަނި ސަރަހައްދު ކަމަށް ވާ ޕަންޖްޝީރު ވާދީގައި، ތޯލިބާން ޖަމާއަތުގެ ދިދަ ނަގައިފިއެވެ.

ތޯލިބާން ޖަމާއަތުން ވަނީ ޕަންޖްޝީރު ވާދީގައި، އެ ޖަމާއަތުގެ ދިދަ ނަގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމު ކޮށްފައެވެ.

ކަން މިހެން އޮތް އިރު، ޕަންޖްޝީރުގައި ތޯލިބާނުންނާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރި ފައުޖުން ވަނީ، އެ ސަރަހައްދުގެ އިސްތިރާޖީ މުހިންމު މަގާމުތައް އަދިވެސް ތޯލިބާނުންނަށް ނެގިފައި ނުވާ ކަމަށާ، ހަނގުރާމަ އަދިވެސް ކުރިއަށް ދާ ކަމަށް ބުނެފައެވެ.

ނޭޝަނަލް ރެޒިސްޓަން ފްރޮންޓް އޮފް އަފްގާނިސްތާން (އެންއާރްއެފް)ގެ ނަމުގައި ހަރަކާތްތެރިވާ ލަޝްކަރުގެ ލީޑަރު ވަނީ، ތޯލިބާނުންނާ ދެކޮޅަށް ގައުމީ ހަރަކާތެއް ހިންގުމަށްވެސް ގޮވާލާފައެވެ.

އާންމު ކޮށްފައި ވާ އޯޑިއޯ ރެކޯޑިންގްއެއްގައި އެންއާރްއެފްގެ ލީޑަރު، އަހުމަދު މައްސޫދު ވަނީ، ތޯލިބާން ޖަމާއަތަށް ގާނޫނީ ހައިސިއްޔަތު ދީ، އަސްކަރީ އަދި ސިޔާސީ އިތުބާރު، އެ ޖަމާއަތަށް ދިން ކަމުގެ އިލްޒާމް، ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮލުގައި އަޅުވާފައެވެ.

ފަރުބަދަމަތީ ވާދީއެއް ކަމަށް ވާ ޕަންޖްޝީރަކީ ގާތްގަނޑަކަށް 150000 އާއި 200000 އެއްހާ މީހުންގެ އާބާދީއެއް އޮތް ސަރަހައްދެކެވެ. 1980ގެ އަހަރުތަކުގައި އޭރުގެ ސޯވިއެޓުންގެ އަޅުވެތިކަމުގައި އަފްގާނިސްތާން އޮތް އިރުވެސް އެކަމާ އެންމެ ގަދައަށް ދެކޮޅު ހަދަމުން ދިޔަ އެއް ސަރަހައްދަކީ ޕަންޖްޝީރު ވާދީ ސަރަހައްދެވެ. އަދި 1996 އިން 2001 ވަނަ އަހަރާ ދެމެދު، އަފްގާނިސްތާނުގައި ތޯލިބާނުން ވެރިކަން ހިންގި އިރު، އެކަމާ ދެކޮޅަށްވެސް އެންމެ ގަދައަށް ހަރަކާތް ހިންގަމުން ދިޔައީ ޕަންޖްޝީރު ވާދީ ސަރަހައްދުގައެވެ.