އަފްގާނިސްތާނުގެ މަސްރަހުން ފެނިގެން ދިޔަ އެންމެ ފަހު "ކުޅިގަނޑަކީ" އެއްވެސް މީހަކަށް ތަސްވީރު ކުރެވިފައި ވާ ކަމެއް ނޫން ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖޭޖީ ކްރޯފޯޑް އޮރޭޝަން 2021ގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވަނީ، މުޅި އަފްގާނިސްތާނުގެ ހުރިހާ ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

މި ރޫހުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ގައުމުތަކުގެ އަސްކަރީ ފައުޖުތަކުން އަފްގާނިސްތާނުގައި ކުރަމުން ދިޔަ ހަނގުރާމަ ނިންމާ، ކޮންމެވެސް ދުވަހަކުން އަފްގާނިސްތާނުން ފައިބާނެ ކަން ކޮންމެ މީހަކަށްވެސް ގަބޫލު ކުރި ކަމަށެވެ. ނަމަވެސް ކަންވެ، ނިމިގެން ދިޔަ ގޮތަކީ އެއްވެސް މީހަކަށް ތަސްވީރު ކުރެވިފައި އޮތް ކަމެއް ނޫން ކަމަށާ، އެއީ އެއްވެސް މީހަކުވެސް އެކަމަށް ތައްޔާރުވެފައި އޮތް ހާލަތެއް ނޫން ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި މަހަކީ، އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު، އިންޑިއާއިން ބަލަހައްޓަމުން ދިޔަ މަހެވެ. މިކަމާ ބެހޭ ގޮތުން ޖައިޝަންކަރު ވަނީ ގަރާރު 2593، މެންބަރު ގައުމުތަކުން ފާސްކުރި ކަން ފާހަގަ ކުރައްވާފައެވެ. މި ގަރާރަކީ، އަފްގާނިސްތާނުގެ ފަސްގަނޑު، ޓެރަރިޒަމްގެ އެއްވެސް ކަމަށް ބޭނުން ނުކުރުމަށާ، ވައުދު ވެފައި ވާ ފަދައިން، ހުރިހާ ފަރާތެއްގެ ޝާމިލުވުން އެކުލެވޭ ސަރުކާރެއް އެކުލަވާލުމަށް ތޯލިބާނުންނަށް ގޮވާލާ ގަރާރެކެވެ. ހަމަ އެހެންމެ، އަބާދީގެ ނިސްބަތުން ބައިމަދު މީހުންނާއި، އަންހެނުންނާއި، ކުޑަކުދިންނަށް ހެޔޮކޮށް ހިތުމަށްވެސް އެ ގަރާރު ބާރު އަޅާ ކަން، ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއީ އޯގަސްޓް 15، 2021 ވަނަ ދުވަހު، ތޯލިބާން ހަނގުރާމަވެރިން، އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން، އަފްގާނިސްތާނުގެ މަސްރަހާ ބެހޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، އާންމު ކޮށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. އަފްގާނިސްތާނުން މީހުން ބެލުމުގެ މަރުހަލާގައި އާންމު ބަޔާނެއް ނެރުއްވި ނަމަވެސް، ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާ ބެހޭ ގޮތުން ޖައިޝަންކަރު ދެކެވަޑައިގަންނަވާ ގޮތެއް މީގެ ކުރިން ހާމަ ކުރައްވާފައެއް ނުވެއެވެ.