ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހިފެހެއްޓި, އިރާނުގެ ބޯޓެއްގެ މައްސަލައިގައި އިރާނަށް ނިސްބަތްވާ މީހުންގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ނުކޮށް ޑީޕޯޓޮކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

2019ގެ މޭ މަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން 51 ކިލޯގެ މަސްތުވާތަކެއްޗާ އެކުއެވެ.

ބޯޓުގައި ތިބި، އީރާނަށް ނިސްބަތްވާ މީހުންނަކީ އަބްދުﷲ، ރަހުމަތުﷲ، ހާލިދު ބެލޫދީ، ހަބީބު އަދި ސައީދު މޮހާނީއެވެ. އެ މީހުންގެ މައްޗަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ކުރިއެވެ. އަދި އަބްދުﷲ، ރަހުމަތުﷲ އަދި ހާލިދު ބެލޫދީގެ މައްޗަށް ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރި އިރު ހަބީބްގެ މައްޗަށް ވަނީ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ވެސް ކޮށްފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ބައެއް މީޑިޔާތަކަށް ވިދާޅުވީ، އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިގެން މިހާރު އޮތް ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ނުބެލެވޭތީ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ނިންމާފައި ވަނީ ދައުވާ ލިބޭ މީހުން ރާއްޖެއިން ޑިޕޯޓުކޮށްލަން ކަމަށް ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރެއިން އެކަކު ވަނީ ކެންސަރު ޖެހިގެން މަރުވެފައެވެ.