ނިމިދިޔަ އޯގަސްޓް މަހު، އިންޑިއާގައި 180 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާދީފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ 3 ވަނަ ރާޅަކުން ސަލާމަތް ވުމަށް އަމާޒު ހިފާ، ވެކްސިން ކެމްޕޭންގެ ދުވެލި ހަލުވި ކުރަމުން އަންނަ އިންޑިއާއިން މިދިޔަ މަހު ވެކްސިން ޑޯޒް ޖެހި އަދަދު، 180 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، މިއީ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައި ވާ 7 ގައުމު ނުވަތަ ޖީ-7ގެ ހުރިހާ ގައުމެއް އެއްކޮށްލުމުން ވެކްސިން ޖެހި މިންވަރަށް ވުރެވެސް އިތުރު އަދަދެއް ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާއިން އަމާޒު ހިފާފައި ވަނީ، މި ހިނގާ 2021 ވަނަ އަހަރު ނިމޭއިރު، އެ ގައުމުގައި ވެކްސިނަށް ޝަރުތުރު ހަމަވާ ހުރިހާ އެންމެނަށް ވެކްސިން ޖަހާ ނިންމާލުމަށެވެ.

3 ބްރޭންޑެއްގެ ކޮވިޑް ވެކްސިނަށް ރުހުން ދީފައި ވާ އިންޑިއާއިން މިހާތަނަށް 686 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވެއެވެ. އިންޑިއާގައި ވެކްސިނަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން ވަނީ، ވެކްސިންގެ 1 ޑޯޒް ޖަހާފައެވެ.

އިންޑިއާއިން ޖެނުއަރީ މަހު ފެށި ކޮވިޑް ވެކްސިން ކެމްޕޭންގައި މިހާތަނަށް އައި އިރު 2 ޑޯޒް ފުރިހަމަ ކޮށްފައި ވަނީ، ވެކްސިނަށް ޝަރުތު ހަމަވާ މީހުންގެ އެންމެ 17 ޕަސެންޓްއެވެ. އަދި އެކި ސްޓޭޓްތަކުގެ މެދުގައި ވެކްސިން ޖެހި ފަރަގުވެސް އިންތިހާއަށް ބޮޑު ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން މުއްސަނދި ސްޓޭޓްތަކާއި ފަގީރު ސްޓޭޓްތަކުގައި ބޮޑު ފަރަގެއް އުޅެއެވެ.

އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި ކޭސް ނަމްބަރު، 33 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، މިއީ ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ މަތީ އަދަދެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައިވެސް އެގައުމުން ބައި ލައްކައާ ގާތް ކުރާ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.