ގިނީގެ މަސްރަހު ހޫނުވެ، ހިންގަމުންދާ ހަމަނުޖެހުންތައް ވަރުގަދަ ވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ރެކޯޑް މިންވަރަކަށް އެލުމިނިއަމްގެ އަގު މައްޗަށް ހިނގައްޖެއެވެ.

ގިނީއަކީ އެލުމިނިއަމް އުފައްދަން ބޭނުންވާ ރޯ މެޓީރިއަލް، އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ގައުމަށް ވާއިރު، ގިނީގެ ހަމަނުޖެހުންތަކާއެކު ސަޕްލައި އަށް ބުރޫ އަރާފާނެ ކަމުގެ ބިރު ބޮޑުވުމުގެ ސަބަބުން، އެލުމިނިއަމްގެ އަގު ވަނީ، ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ޖެހިލާފައެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާދާއިރާއެއްގައި އެލުމިނިއަމް ފޯރުކޮށްދެމުން އަންނަ ޗައިނާގެ އުފެއްދުންތެރިކަން މަޑުޖައްސާލުމާ ގުޅިގެން، އިނގިރޭސިވިލާތުގައި އެލުމިނިއަމްގެ އަގު، 40 ޕަސެންޓަށް އުފުލިފައި ވާ ކަމަށް ހަބަރު ލިބެއެވެ. އެލިމިނިއަމް އުފައްދަން ޗައިނާއަށް ބޭނުންވާ ރޯ މެޓީރިއަލްގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައި ހިއްސާ ކުރަނީ ގިނީއިންނެވެ.

ޗައިނާގައި އެލުމިނިއަމް ޓަނެއްގެ އަގު މިހާރު އުޅެނީ 2750 ޑޮލަރަށެވެ. މިއީ 2006 ވަނަ އަހަރަށް ފަހު، މި އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެލުމިނިއަމްއަކީ ތަފާތު އެކި އުފެއްދުންތަކުގައި ބޭނުން ކުރާ ބާވަތެކެވެ. ކާރުގެ ބައިތަކުން ފެށިގެން ލުއިބުއިން ބަންދު ކުރާ ދަޅުތަކާ، ގެވެހި ކަންވަރުގައިވެސް އެލުމިނިއަމް ބޭނުން ކޮށްފައި ހުރެއެވެ. އެހެން ކަމުން، އެލުމިނިއަމްގެ އަގަށް އަންނަ ބަދަލުތައް، އިގުތިސޯދުގެ އެހެން ދާއިރާތަކުންވެސް ފެނުމުގެ ފުރުސަތު ބޮޑެވެ.

ގިނީގައި ހަމަނުޖެހުން އުފެދިގެން އުޅެނީ އެ ގައުމުގެ އަސްކަރިއްޔާގެ ޔުނިޓަކުން ގައުމުގެ ކޮންޓްރޯލް ނަގާ، ގާނޫނު އަސާސީ ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.