މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު، އަންހެނުންނަށްވެސް އޮންނާނެ ކަމަށް ނިންމާ، އެ ހައްގު ލިބިގަންނަން އެދޭނަމަ ނިގާބު އެޅުމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާން ޖަމާއަތުން ކަނޑައަޅައިފިއެވެ.

އެގޮތުން އަފްގާނިސްތާނުގައި ޔުނިވާސިޓީ ނުވަތަ ކޮލެޖުތަކަށް ގޮސް މަތީ ތައުލީމު ހާސިލު ކުރެވޭނީ، އަބާޔާ އަދި ނިގާބު އަޅައިގެން ކަމަށް ތޯލިބާނުން ވަނީ ޝަރުތު ކޮށްފައެވެ. އަދި ނިގާބު އެޅުމުގައި، މޫނުގެ ބޮޑުބައި ނިވާ ކުރުމަށްވެސް ތޯލިބާނުން ވަނީ ލާޒިމު ކޮށްފައެވެ.

އަފްގާނިސްތާނުގެ ޕްރައިވެޓް ޔުނިވަސިޓީތަކުގައިވެސް މިކަން ތަންފީޒު ކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަންހެން ކުދިންނަށް ސްކޫލްތަކާއި ކޮލެޖުތަކަށް ދެވޭނެ ކަމަށްވެސް ތޯލިބާނުން ވަނީ ނިންމާފައެވެ. ނަމަވެސް 2 ޖިންސު އެއްކޮށްގެން ކިޔަވާ ދިނުން ވަނީ މަނާ ކޮށްފައެވެ.

ޔުނިވާސިޓީތަކުގައިވެސް އަންހެން ދަރިވަރުންނަށް ކިޔަވާ ދޭން ޖެހޭނީ އަންހެން މުދައްރިސުން ކަމަށާ، މި އިންތިޒާމް ހަމަނުޖެހިއްގެ ހިނދެއްގައި، އަހުލާގު ރަނގަޅު، ދޮށީ އުމުރުގެ ފިރިހެން މުދައްރިސުން ގެންދެވިދާނެ ކަމަށްވެސް ތޯލިބާނުން ކަނޑައަޅާފައި ވާ ގަވައިދުގައި ވެއެވެ.

އަންހެން މުދައްރިސުންލައިގެން ހަމަޖެއްސުމަކީ އުނދަގޫ ކަމެއް ކަމަށާ، ނަމަވެސް އަންހެން ދަރިވަރުންނަށް ފުރުސަތު ދިނުމަކީ ތޯލިބާނުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ޔުނިވާސިޓީއެއްގެ މުވައްޒަފަކު ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އަންހެން ދަރިވަރުންގެ ކުލާސްތަކަކީ އާންމު ގަޑި ނިމުމުގެ 5 މިނެޓް ކުރިން ނިންމަންޖެހޭ ކުލާސްތަކެއް ކަމަށާ، އެއީ ދެ ޖިންސު މަސްހުނިވުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.