ހިނގަމުން މިދާ 2021 ވަނަ އަހަރު ނިމޭއިރު، މުއްސަނދި ގައުމުތަކުގެ އަތުގައި، ފަގީރު ގައުމުތަކަށް ހަދިޔާގެ ގޮތުގައި ކަނޑައަޅާފައި ނުވާ 1.2 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން، އިތުރުވެ ނުވަތަ ބާކީ ވެފައި ހުންނާނެ ކަމަށް ފަހުގެ ހޯދުންތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތައް އެކުލަވާލުމުގައި ހަރަކާތްތެރިވާ އެއާފިނިޓީގެ ރެކޯޑްތަކަށް ބަލާއިރު، ހުޅަނގުގެ ގައުމުތަކުގެ ވެކްސިން ސްޓޮކް، މި މަހު ވަނީ 360 މިލިއަން ޑޯޒްއަށް އަރާފައެވެ. މިއީ ހަދިޔާގެ ގޮތުގައި ފަގީރު ގައުމުތަކަށް ކަނޑައަޅާފައި ވާ ޑޯޒްތައް ނުހިމަނާ، ބާކީ ހުރި ވަރެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދު، ކެނެޑާ އަދި ޖަޕާންގައި ވެކްސިން ސަޕްލައި ހުރި ގޮތުގެ މައްޗަށް ތައްޔާރު ކޮށްފައި ވާ މި ރިޕޯޓް ފުރިހަމަ މައުލޫމާތު އާންމު ކުރަން ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރު 7 ވަނަ ދުވަހަށެވެ.

ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިފައި ވާ މައްސަލައަކީ މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ތަފާތު ކުރުން ކަމުގައި ދެންނެވިދާނެއެވެ. ތަނަވަސްކަން ނެތް ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އދގެ އެއްބާރުލުމާއެކު ގާއިމު ކޮށްފައި ވާ ބައިނަލްއަގުވާމީ ވެކްސިން ފެސިލިޓީ ނުވަތަ ކޮވެކްސްއަށް އެކަށީގެންވާ ގޮތެއްގައި ވެކްސިނެއް ނުލިބެއެވެ.

ވެކްސިން އުފައްދާ ފަރާތްތަކާއި މުއްސަނދި ގައުމުތަކާ ދމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން، ކޮވެކްސްއަށް ވެކްސިން ނުލިބި، އެ ވެކްސިންވެސް ވަންނަނީ މުއްސަނދި ގައުމުތަކުގެ ސްޓޮކަކަށް ކަން ފާހަގަ ކުރަންޖެހެއެވެ.

އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ އިއްތިހާދުގެ ސިއްހަތާ ބެހޭ ވަޒީރުންނާއެކު ކުރިއަށް ގެންދެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގައި ފެންވަރުގައި ހަމަހަމަކަން ގެއްލިފައި އޮތް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 5 ބިލިއަނަށް ވުރެ ގިނަ ޑޯޒްގެ ކޮވިޑް ވެކްސިން ޖަހާފައި ވާ އިރު، މީގެ ތެރެއިން 75 ޕަސެންޓެއްހާ ބޮޑު ހިއްސާއެއް އޮތީ އެންމެ 10 ގައުމުގައި ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެފްރިކާގައި ވެކްސިން ޖެހި ނިސްބަތް އުޅެނީ އެންމެ 2 ޕަސެންޓްގައި ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ފަގީރު ގައުމުތަކަށް ވެކްސިން ސަޕްލައި ނުލިބިގެން އުޅޭ އިރު، މުއްސަނދި ގައުމުތަކުން ވެކްސިން ޑޯޒްތައް ސްޓޮކް ކުރަމުން ދިއުމަކީ ރިވެތި އަހުލާގީ ސުލޫކުން އެއްކިބާވެފައި ވަ އަމަލެއް ކަމަށް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު، ގޯޑަން ބްރައުންވެސް ވަނީ ވިދާޅުވެފައެވެ. އދގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ބްރައުން ވަނީ، ވެކްސިން ސަޕްލައި ކޮށްދިނުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިތުރުން، ޖީ7 މެންބަރު ގައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.