އިންޑިއާގައި އަލަށް އެކުލަވާފައި ވާ ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކާ ދެކޮޅަށް އުއްތަރަ ޕްރަދޭޝް ސްޓޭޓްގައި ކުރިއަށް ގެންދާ މުޒާހަރާއާ އެތައް ހާސް ބަޔަކު ގުޅިއްޖެއެވެ.

ސަރަހައްދީ ފުލުހުން ބުނާ ގޮތުގައި، ބައި މިލިއަނަށް ވުރެ ގިނަ ދަނޑުވެރިން، މުޒާހަރާގައި ބައިވެރިވިއެވެ. އޭއެފްޕީގެ ފޮޓޯގްރާފަރަކު ބުނި ގޮތުގައި، މުޒާހަރާގައި 50000 އެއްހާ ދަނޑުވެރިން ބައިވެރިވިއެވެ.

މުޒާހަރާ ކުރަމުން ދާ ދަނޑުވެރިންގެ ޑިމާންޑަކީ، ދަނޑުވެރިކަމާ ބެހޭ އާ ގާނޫނުތައް ބާތިލު ކުރުމެވެ. މުޒާހަރާ އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ މިދިޔަ ނޮވެމްބަރު މަހު، މި ހަރަކާތް ފެށި ފަހުން، މިހާތަނަށް ހިންގި އެންމެ ބޮޑު މުޒާހަރާއެވެ.

އިންޑިއާ ސަރުކާރުން ބުނަމުން ދަނީ، އުފެއްދުންތައް ވިއްކުމުގައި ދޫތަކެއް ދީފައި ވާ އާ ގަވައިދުތަކަކީ، ދަނޑުވެރިންނަށް މިނިވަންކަން ލިއްބައިދޭނެ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް މި ކަމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނަމުން ދަނީ، މިއީ ކުދި ފަންތީގެ ދަނޑުވެރިންގެ ހާލަތު، އިންތިހާއަށް ނާޒުކުކޮށްލަނިވި ބަދަލެއް ކަމަށެވެ.

އިންޑިއާގެ ދަނޑުވެރިން ދަނީ، ގައުމީ ފެންވަރުގެ ހަޅުތާލެއް، ސެޕްޓެމްބަރު 27 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ގޮވާލަމުންނެވެ. މި ހަޅުތާލަކީވެސް ގާނޫނުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކުރިއަށް ގެންދާނެ ހަރަކާތެއް ކަމަށް ހަބަރު ލިބެއެވެ.

މުޒާހަރާ ލީޑު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ، ގާނޫނުތައް ދޫކޮށްލަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.