ދީނީ އިލްމުވެރިންގެ ހުށަހެޅުންތަކަށް މަރުހަބާ ކިއާނެ ކަމަށާ، އަފްގާނިސްތާނުގައި މިހާރު އުފެދިފައި ވާ ދާހިލީ ހަމަނުޖެހުންތަކަށް ނިމުން ގެނައުމަށްޓަކާ، ތޯލިބާނުންނާއެކު މަޝްވަރާއަށް ދާން ތައްޔާރަށް ހުރި ކަމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާނުންނާ ދެކޮޅަށް ހަރަކާތްތެރިވާ ބާރުގެ ލީޑަރު އަހުމަދު މައްސޫދު ބުނެފިއެވެ.

ނޭޝަނަލް ރެޒިސްޓަން ފްރޮންޓް އޮފް އަފްގާނިސްތާން (އެންއާރްއެފްއޭ)ގެ ނަމުގައި، މައްސޫދު ދަނީ، ތޯލިބާނުންނާ ހަނގުރާމަ ކުރުމަށް، ޕަންޖްޝީރު ވާދީގައި، އޭނާގެ އަމިއްލަ އަސްކަރީ ފައުޖެއް އެކުލަވާލަމުންނެވެ. މި ގުރޫޕުން ހަރަކާތްތެރި ވާން ފެށި، އޯގަސްޓް 15، 2021 ވަނަ ދުވަހު، ތޯލިބާނުން، އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ހިސާބުންނެވެ.

ފޭސްބުކްއަށް ދޫކޮށްލި ޕޯސްޓެއްގައި މައްސޫދު ބުނެފައި ވަނީ، އަފްގާނިސްތާނުގައި މިހާރު އުފެދިފައިވާ މައްސަލަތައް ހައްލު ކުރަން އޭނާވެސް ތާއީދު ކަމަށާ، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކާ، މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ދެމިގެންދާ ސުލްހަ ގާއިމު ކުރުމަށްޓަކާ، އެންއާރްއެފްއޭގެ ހަމަލާތައް ހުއްޓާލަން ތައްޔާރު ކަމަށާ، ނަމަވެސް ޝަރުތަކީ ޕަންޖްޝީރާއި އަންދަރާބުގައި ތޯލިބާނުން ދޭ ހަމަލާތައްވެސްހުއްޓާލުން ކަމަށް މައްސޫދު ބުނެފައިވެއެވެ.

މިފަދަ ރޫހެއްގައި މައްސޫދު ޕޯސްޓެއް ކޮށްފައި ވަނީ، ޕަންޖްޝީރު ވާދީގެ ވެރިރަށާއި ވަށައިގެންވާ އަވަށްޓެރި ޑިސްޓްރިކްޓްތައް، އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންދެވިފައި ވާ ކަމަށް ތޯލިބާނުން އިއުލާން ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ.

މައްސޫދުގެ ހަނގުރާމަވެރިންނާއި ތޯލިބާނު ހަނގުރާމަވެރިންނާ ދެމެދު ޕަންޖްޝީރު ވާދީގައި ކުރިމަތިލުކަމަށް ގޮސް، ލޭ އޮހުރުވުންތައް ހިންގާފައި ވަނީ، ސުލްހަވެރި ކަމާއެކު އެ ވާދީ ހަވާލު ކުރުމަށް ތޯލިބާނުން ގޮވާލި ގޮވާލުމަށް މައްސޫދު އިންކާރު ކުރި ހިސާބުންނެވެ. މައްސޫދު ވަނީ އަފްގާނިސްތާނުގެ ރައްޔިތުންގެ ހައްގަށްޓަކާ ހަނގުރާމަ ކުރަމުން ދާނެ ކަމަށް ބުނެފައެވެ.

އެންއާރްފްއެގެ ބާނީއަކީ އަފްގާނިސްތާނުގައި ބަތޮލެއްގެ ދަރަޖަ ދެމުން އަންނަ އަހުމަދު ޝާހް މައްސޫދުގެ ފިރިހެން ދަރިފުޅު، އަހްމަދު މައްސޫދުއެވެ. އެންއާރްފްއެގެ ހަގީގީ މަގުސަދަކީ، ލާމަރުކަޒީ އުސޫލުން، ވަކިވެފައިވާ ސަރުކާރެއް މެދުވެރިކޮށް ވެރިކަން ހިންގޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.