ލާމަރުކަޒީ ގާނޫނުގެ ދަށުން އަތޮޅު ކައުންސިލްތަކަށް ލިބޭ ބާރުގެ ދަށުން ކުރަން ބޭނުންވާ ކަންކަމުގައި ޓޫރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީން އެއްބާރުލުން ނުދޭ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، އެ އަތޮޅު އިހްތިސާސްގައި ވަރުވާއަށް އަދި ކުއްޔަށް ދީފައިވާ ރަށްރަށުގެ އެގްރީމަންޓާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ފޮނުވި ސިޓީއަށް ދިން ޖަވާބުގައި އެއީ ދެވެން ނެތް މައުލޫމާތުތަކެއް ކަމަށް ބުނުމުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ، ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުން ލިބިފަިއވާ ބާރުތަކަށް ބައެއް ވުޒާރާތަކުން އިހުތިރާމް ނުކުރާ މައްސަލަ ފެންނަ ކަމަށާއި މި ކަމުގެ ސަބަުން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެ ގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ވުޒާރާތަކަކީ ޓޫރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ކަމަށް އޭނާ ވިދާޅުވިއެވެެ.

ނަމަވެސް ޖެންޑާ މިނިސްޓްރީ އަކީ އެ ކައުންސިލަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭ މިނިސްޓްރީއެއް ކަމަށާއި މައުލޫމާތު ހޯދުމަށާއި އެހެނިހެން މަސައްކަތްތަކުގައި ވެސް ޖެންޑާ މިނިސްޓްރީ ނަމޫނާއެއްގެ ގޮތުގައި ބަލައިގެން އެހެން ވުޒާރާތައް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ގާނޫނުގައި ބުނާ ގޮތުން ރަށު ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ރަށްރަށަކީ އަތޮޅު ކައުންސިލްޔަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށް ކަނޑައަޅާފައި އޮތް ކަަމަށެވެ. އަތޮޅުގެ ބެލުމުގެ ދަށަށް ދާ ތަންތަން ބެލެއްހެއްޓޭނީ އަތޮޅުގެ އިހްތިސާސްގެ ތެރެއަށް ދާ ތަންތަން އެނގިގެން ކަމަށާއި އެތަންތަން ބަޔަކަށް ދީފައި ވަނީ ކޮން ކަމަކު، ކޮން ބަޔަކަށް، ކިހާ މުއްދަތަކަށް ކަން އެނގިގެން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މި އަތޮޅުގައި މި ހުރީ ގިނައިން ފިޝަރީޒް މިނިސްޓްރީން ވަރުވާއަށް ދޫކޮށްފައިވާ ތަންތަން. އެހެންކަމުން އެތަންތަނުގެ މައުލޫމާތު ހޯދަން މި އެދުނީ ފިޝަރީޒް މިނިސްޓްރީގައި. ދެން މީގެ 10 ވަރަކަށް ދުވަސް ކުރިން އެ މިނިސްޓްރީން މި ވަނީ ޖަވާބު ދީފައި، އެއީ ހާމަ ކުރެވެން އޮތް މައުލޫމާތެއް ނޫން ކަމަށް."
ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ

އެ މައުލޫމާތު ހޯދަން މީގެ ދެމަސް ކުރިން އެ ކައުންސިލުން މިނިސްޓްރީއަށް ސިޓީ ފޮނުވުމުން 15 ދުވަސްތެރޭގައި ޖަވާބެއް ދޭނެ ކަމަށް ބުނެ އެ ސިޓީއަށް ޖަވާބު ދިން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭގެ މަސް ދުވަސް ފަހުން އެ މިނިސްޓްރީން ޖަވާބުގައި ބުނެފައި ވަނީ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ވާހަކައެވެ.

ފިޝަރީޒް މިނިސްޓްރީން ކަންކޮށްފައިވާ ގޮތަށް ފާޑު ވިދާޅުވަމުން ޝުޖާއު ވިދާޅުވީ، އެ މިނިސްޓްރީން ޖަވާބު ދޭނެ ކަމަށް ބުނެ ސިޓީއަށް 15 ދުވަހު ތެރޭ ޖަވާބު ދާރީ ވެފައި ވަނީ ގާނޫނޫގައި ވާގޮތުން ކައުންސިލަށް އެ ރަށެއް ލިބިދާނެތީ ކަމަށެވެ. ގާނޫނުގައި އޮތް ގޮތަށް ރިއާއަތް ކުރައްވަމުން ޝުޖާއު ވިދާޅުވީ، ރަށެއްގެ މައުލޫމާތު ހޯދަން ކައުންސިލަކުން އެދިއްޖެ ނަމަ 15 ދުވަހުގެ ތެރޭގައި ޖަވާބެއް ނުދީ ހުރެ މަސް ދުވަސް ފާއިތުވެއްޖެ ނަމަ އޮޓޮމެޓިކުން އެތަނެއް ނުވަތަ ރަށެއް އަތޮޅު ކައުންސިލާ ހަވާލުވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ބުނުމުން އެ ކައުންސިލުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ މައުލޫމާތު ހޯދަން ފޯމު ހުށަހަަޅާފައެވެ.