އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުން، މިއަދުގެ ހުކުރު ނަމާދަށް ފަހު ސަރުކާރު އިއުލާން ކުރުން އެކަށީގެން ވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އޭއެފްޕީއިން މިކަން ހާމަކޮށްފައި ވަނީ، ތޯލިބާނުންގެ މަސްދަރުތަކަކާ ހަވާލާދީއެވެ.

އަފްގާނިސްތާނުގައި ތޯލިބާނުން އެކުލަވާލާ ސަރުކާރަކީ ކަންކަން "ހަޖަމް ކުރެވޭ" ސަރުކާރަކަށް ވާނެ ކަމަށާ، އަންހެނުންނާއި ބައިމަދު އާބާދުތަކުގެ ހައްގުތައްވެސް ކަށަވަރުކޮށްދޭނެ ސަރުކާރަކަށް ވާނެ ކަމަށް، ތޯލިބާން ޖަމާއަތުން ދަނީ ބުނަމުންނެވެ. މިއީ އަފްގާނިސްތާނުގައި ތޯލިބާނުން މީގެ ކުރިން ކުރި ވެރިކަމުގައި ފެނިގެން ދިޔަ ކަންކަމެއް ނޫނެވެ.

އަންހެނުން ތައުލީމު ހާސިލުކޮށް ވަޒީފާއަށް ދިއުމަކީ ތޯލިބާނުންގެ ވެރިކަމުގައި މީގެ ކުރިން މަނާ ކޮށްފައި އޮތް ކަމެއް ނަމަވެސް، މިފަހަރު އެ ފުރުސަތު ދޭނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، ސަލާމަތްތެރިކަން ކަށަވަރު ކުރެވެން ދެން، އަންހެނުން ވަޒީފާއަށް ނުގޮސް، ގޭގައި މަޑު ކުރަންވެސް އެ ޖަމާއަތުން ވަނީ އަންގާފައެވެ.

އަފްގާނިސްތާނުގައި އާ ސަރުކާރެއް އެކުލަވާލުމަށް ތޯލިބާނުން މަސައްކަތް ކުރަމުން ދާއިރު، އެ ސަރުކާރު ބަލައިގަތުމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް އަފްގާނިސްތާނުގައި ޗައިނާއިން ހިންގާ އެމްބަސީގެ މަސައްކަތް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައި ވާ ކަމަށް ތޯލިބާނުން ވަނީ ބުނެފައެވެ.

އެދެވޭ ރޫހެއްގައި ތޯލިބާނުންނަށް އިރުޝާދު ބޭނުން ވާ ކަމަށް ޗައިނާއިން ވަނީ ރަސްމީ ކޮށް ބުނެފައެވެ. ނަމަވެސް އާ ސަރުކާރެއް ބަލައިގަންނާނެ ކަން ނުވަތަ ނޫން ކަމެއް ހާމަ ނުކުރެއެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ދިމާކޮށް އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުން ނަގާފައި ވާ އިރު، އަފްގާނިސްތާނުގައި އެކުލަވާލާ ސަރުކާރަކީ ހުރިހާ ފަރާތެއްގެ ބައިވެރިވުން އެކުލެވޭ ސަރުކާރަކަށް ހެދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ގޮވާލަމުންނެވެ.