އެމްޑީޕީ ސެކްރެޓޭރިއެޓްގައި ހިމެނޭ ފިރިހެން މުވައްޒަފަކު މިއަދު އެ އޮފީސްތެރޭގައި އަންހެން މުވައްޒަފަކަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފައި ވާތީ، އެ އަނިޔާވެރި މާރާމާރީގެ އަމަލު ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހަޅާފައިވާ ކަން ހާމަ ކުރަމުން ބުނީ، އެ މާރާމާރީގެ އަމަލު ހަރު އަޑުން ކުށްވެރިކޮށް އެފަދަ އަމަލުތައް ޓޮލަރޭޓް ނުކުރާނެ ކަމަށެވެ. އެގޮތުން މި މައްސަލައިގެ އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަށް ގޮވާލާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އެ މާރާމާރީގައި އެމްޑީޕީ އޮފީހުގެ އެހެން ފިރިހެން މުވައްޒަފަކަށް ވެސް ހަމަލާދީފައި ވާ ކަމަށާއި އެ ހަމަލާ ދީފައި ވަނީ ވެސް އަންހެން މުވައްޒަފަށް ހަމަލާދިން މީހާ ކަމަށް އެމްޑިޕީން ބުނެއެވެ.
މި ހާދިސާގައި އަނިޔާ އެންމެ ބޮޑަށް ލިބުނު އަންހެން މުވައްޒަފު، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް، ލިބުނު ޒަހަމްތަކަށް މިހާރު ދަނީ ފަރުވާދެމުން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. އަދި އަނިޔާ ލިބުނު ދެ މުވައްޒަފަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް އެމްޑީޕީގެ ފަރާތުން ބުނެފައި ވެއެވެ.
މި މާރާމާރި ހިންގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވާ މެންބަރަކީ އެ ޕާޓީގެ މެންބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. ހަމަލާ ދިން މީހާ ހަމަލާ ދިފައި ވަނީ ޗޭނަކުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާ ގައި މަންދީއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ބޮލުން ފަލައިގެން ދިޔަ ތަނުން ލޭ އައިސް އޭނާ ލައިގެން ހުރި ހެދުން ވެސް އޮތީ ލެއިން ތެމިފައެވެ.
މިހާތަނަށް އަދި މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާ ހިންގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ކަމާ ގުޅިގެން މީކާއިލް ވަނީ އޭނާގެ މަންމަގެ ހާލު މިހާރު ރަނަގަޅު ކަމަށާއި ހަމަލާ ދިން މީހާ ހަމަލާ ދީފައި ވަނީ ސީދާ އެނާގެ މަންމައަށް އަމާޒުކޮށްގެން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މި އަމަލަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވެސް މީކާއީލް ވިދާޅުވެފައި ވެއެވެ.