މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެެރެއިން، ނ. މާފަރު ޕޮލިސް ސްޓޭޝަނާ، އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަން އަދި ރ. މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާ، 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ތިން މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

އެ ތިން މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާފަރަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މާފަރު ޕޮލިސް ސްޓޭޝަނުން މިއަދު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލާ، ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ފޭދޫ މަގުމަތިން އޭނާ ހުއްޓުވާ ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ ރ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮގަސްޓު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަނުގައި، ރ. އަތޮޅު ރިސޯޓަކުން 25 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ރ. މީދޫ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.