ޖިންސީ ކުށުގެ ދައުވާގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ހުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު އަދިވެސް ލިބިފައި ނުވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރިތޯ ސާފުކޮށްދޭން ފުލުހުންނާ ގުޅުން ހުރި ބައިނަލްއަގްވާމީ ފަރާތްތަކުގައި ފުލުހުން ވަނީ އެދިފައި ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެފަރާތްތަކުން އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ދިޔަ މަހުގެ 25 ވަނަ ދުވަހު އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މީޑިއާތަކަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް އިނގިރޭސިވިލާތުގެ ފުލުހުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ބޭރުގެ ރަސްމީ އެއްވެސް އިދާރާއަކުން ލިބިފައިނުވާ ކަމަށެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުވެސް ފުލުހުން ވަނީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތު އިނގިރޭސި ފުލުހުންނާ ގުޅޭ އެއްވެސް ފަރާތަކުން އަދި ހިއްސާ ކޮށްފައި ނުވާ ކަމަށް ބުނެފައެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަމާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫކޭގެ ފުލުހުން ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އޭނާ ރާއްޖެ އައުމަށް ކްރިމިނަލް ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް އޮތީ އަންގާފައެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.

އެ 7 ދައުވާގެ އަޑުއެހުން މިދިޔަ މަހުގެ 26 ވަނަ ދުވަހަށް ތާވަލް ކުރުމަށްފަހު އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.