އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ އިގުތިސޯދީ ގޮންޖެހުންތަކާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން މެދުވެރިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކޮށްދެވެން އޮތްހާ ކަމެއް، ޗައިނާ ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)ގެ ޗެއާމަން އަދި މަޖިލީސް ރައީސް ލީ ޝާންޝޫ، ސްރީލަންކާގެ މަޖިލީސް ރައީސް، މަހިންދަ ޔަޕާ އަބޭވަރުދަނާއަށް އަރުވައިފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހާއި ޗައިނާގެ ރައްޔިތުންގެ މަޖިލީހާ ދެމެދު ކުރިއަށް ގެންދިޔަ ފުރަތަމަ ޑިޕްލޮމެޓިކް ބައްދަލުވުމުގައި ޗައިނާގެ މާލީ ވަޒީރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ މަޖިލީސް ރައީސް ވަނީ، އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ އިގުތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާގެ އެހީ ބޭނުން ވާ ކަމަށް ވިދާޅުވެ، އެމަށް އެދިވަޑައިގެންފައެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ އަނދަވަޅުން އަރައިގަތުމަށްޓަކާ، ދޭދޭ މަރުކަޒީ ބޭންކު މެދުވެރިކޮށް، 1.5 ބިލިއަން ޑޮލަރުގެ ފިސްކަލް ޓްރާންސްފާ ސްކީމެއް ހަމަޖެހޭ ތޯ ބައްލަވާ ދެއްވުމަށް، ސްރީލަންކާގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަވެސް ވަނީ ޗައިނާގެ ކިބައިން އެދިވަޑައިގެންފައެވެ.
އިގުތިސޯދީ އަދި މާލީ އެހީގެ ގޮތުގައި ޗައިނާއިން ދަނީ ސްރީލަންކާގައި އެކި މަޝްރޫއުތައް ހިންގަމުންނެވެ. ވަކިން ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުގައިވެސް ޗައިނާގެ ދީލަތި އެހީތަކެއް، ސިލްސިލާ ގޮތެއްގައި ސްރީލަންކާއަށް ލިބެމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.
ކަން މިހެން އޮތް އިރު، މި ދަނޑިވަޅަކީ، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ލަންކާ ރުޕީޒްގެ އަގު އިންތިހާއަށް ވެއްޓި، ސްރީލަންކާގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އުފުލިފައި ވާ ދަނޑިވަޅެކެވެ. އަދި މިކަމާ ގުޅިގެން އެ ގައުމުގައި މިހާރު ވަނީ އިގުތިސޯދީ ކުއްލި ނުރައްކާވެސް އިއުލާން ކޮށްފައެވެ.