އޮންލައިން ވީޑިއޯ ސްޓްރީމިންގްގެ އަވާގައި ޖެހިފައި ވާ ފަރާތްތަކަށް، ކުރިއަށް އޮތް 2 ދުވަހަކީ ނޭވާ ހިފަހައްޓާލަން ދަތި ދުވަސްތަކަކަށް ވެދާނެއެވެ. އެންމެ ގިނަ ބަޔަކު އެ އުފެއްދުމަކަށް އިންތިޒާތު ކުރަމުން އަންނަ "މަނީ ހައިސްޓް"ގެ 5 ވަނަ ސީޒަން، މިމަހުގެ 3 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒް ކުރާއިރު، އެންމެ ފަހު ސީޒަންގެ އިންތިޒާތުގައި ތިބި ފޭނުން ދަނީ އެންމެ ފަހުގެ ތައްޔާރީތައްވެސް ވަމުންނެވެ.

"މަނީ ހައިސްޓް"އަށް މީހުންގެ ހިތުގައި އޮތް ލޯބި އެންމެ ރަނގަޅަށް ވަޒަން ކުރި އެއް ބަޔަކީ، އިންޑިއާގެ ޖައިޕޫރުގެ ވާވް ލޮޖިކްއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެކުންފުނިން ވަނީ، "މަނީ ހައިސްޓް"ގެ 5 ވަނަ ސީޒަން ރިލީޒް ކުރުމާ ދިމާކޮށް، ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހަކީ، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށްވެސް ޗުއްޓީ ދުވަހެއް ކަމުގައި ކަނޑައަޅާފައެވެ.

"މަނީ ހައިސްޓް"ގެ 5 ވަނަ ސީޒަން ރިލީޒް ކުރާ ދުވަހަކީ ޗުއްޓީ ދުވަހެއް ކަމުގައި ކަނޑައެޅީ، އެ ސީރީޒް ބެލުމަށްޓަކާ ގޭގައި މަޑުކުރަން، އެކި ކަހަލަ ބަހަނާ ދައްކައިގެން ސަލާމް ބުނުން ހުއްޓުވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ސެޕްޓެމްބަރު 3 ވަނަ ދުވަހަކީ، "ނެޓްފްލިކްސް އެންޑް ޗިލް ހޮލިޑޭ" ކަމަށް ވާވް ލޮޖިކް އިން ވަނީ ކަނޑައަޅާފައެވެ. އަދި އެންމެންގެ އެންމެ ލޯބިވާ ޕްރޮފެސަރަށް ވަދާއީ ސަލާމަތް ކިއުމަށް، ޕޮޕްކޯނާއި އެނޫންވެސް އެއްޗިހި ހޯދާ ތައްޔާރު ކުރުމަށް، ވާވް ލޮޖިކުން ވަނީ އެކުންފުނީގެ މުވައްޒަފުންނަށް އަންގާފައެވެ.

އެ ކުންފުނީގެ މި ޗުއްޓީގެ ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކު، ގިނަ ބަޔަކު މިހާރު ދަނީ ވާވް ލޮޖިކުން ވަޒީފާއެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުން ކަމަށްވެސް ހަބަރު ލިބެއެވެ. މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮ ކަމާ މެދު ވިސްނާ ކުންފުނިތަކާއި ވެރިންނަކީ މަދުން ނޫނީ ނުފެންނަ ބައެކެވެ.

މުޅި ދުނިޔެހެން އިންތިޒާރު ކުރަމުން ދާ "މަނީ ހައިސްޓް"ގެ 5 ވަނަ ސީޒަން ރިލީޒް ކުރާ ތާރީހަކީ، ނަސީބު ދިމާ ކުރާ ގޮތުން، ދިވެހިރާއްޖެއަށް ހަފުތާ ބަންދުގެ ޗުއްޓީއެވެ. ނޫން ނަމަ، ރާއްޖޭގައިވެސް ސަލާމުގެ ކުޅިވަރު ބޮޑު ދުވަހަކަށް އެދުވަސްވާނެ ކަމަށް ބެލެވެއެވެ.