އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ހުރިހާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު ކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.
ނަމަވެސް ކޮވިޑް-19ގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރުގެ މިހާހިސާބަށް، އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާ ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެހެން ކަމުން އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ހުރިހާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 24 ވަނަ މާއްދާއިން އެ މިނިސްޓްރީއަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.