ސަބްލީޒް އެގްރިމެންޓެއްގެ ދަށުން ރިހިވެލި ރިސޯޓް ހިންގަމުން އައި ފްރާންސް ކުންފުނީގެ މުވައްޒަފުން އެތަނުން ގަދަކަމުން ބޭރުކުރަން ބަޔަކު މަސައްކަތްކޮށް ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.

ފުލުހުންގެ ބުނީ ރިހިވެލި ރިސޯޓަށް ބަޔަކު އަރާ ހަމަނުޖެހުން ތަކެއް ހިންގާކަމުގެ މައުލޫމާތު މިއަދު ހަވީރު ގާތްގަނޑަކަށް 4 ޖެހިއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް އެ ރިސޯޓްގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި ފުލުހުން މަސައްކަތް ކުރަމުން އަންނަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށެވެ.

މާހަލް ޕްރައިވެޓް ލިމިޓެޑަށް ރިސޯޓްގެ ކޮންޓްރޯލް ހޯދަން އެތަަނަށް އެރި ބައެއް މީހުން، ފްރާންސްގެ އަންހެނަަކަށް ހުރަސް އަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމު ކޮށްފައެެވެ. އަދި މިކަމާ ކަންބޮޑުވުން ފާޅުކޮށް ރިސޯޓްގެ މެނޭޖްމަންޓުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް ވަނީ އާންމު ކޮށްފައެވެ.

އެ ވީޑިއޯގައި ވެސް ބުނަނީ ރަށަށް އަރައި ބަޔަކު އަމިއްލައަށް ކަންކަން ތަންފީޒުކުރަން އުޅޭ ކަމަށާއި ރާއްޖޭގައި މިފަދަ ކަންކަން ހިނގުމަކީ ވަރަށް ދެރަ ކަންތައް ކަމަށެވެ. ރަށުގައި ތިބި މީހުންގެ ރައްކާތެރިކަން ޔަގީން ނުވާ ކަމަށާއި މި ކަންބޮޑުވުމާ އެކު ފުލުހުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

ބަޔަކު މިއަދު ރިސޯޓަށް އެރީ ރިސޯޓްގެ މައްސަލަތަކުގެ ތެރެއިން ހުށަހަޅާފައިވާ ދައުވާއެއްގައި، ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލް ވެފައި ވާތީ ސޭވް ދަ ޑްރީމް އަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ގާޒީ އަލީ ނަސީރު މިއަދު ކުރެއްވި ހުކުމަށް ފަހުގައެވެ.