އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަނަވާ ބައެއް ފަނޑިޔާރުން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލްތައް އެނަލިސިސް ހެދުމަށް ފުލުހުންނަށް ދީފިއެވެ.
ޖޭއެސްސީން މިހެން ބުނެ މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިއަދު ފަނޑިޔާރުންގެ ރުހުމާއެކު ފަނޑީޔާރުންގެ އޯޑިއޯ ސާމްޕލަް ނަގާފައިވާ ކަމަށާއި އަދި ސާމްޕަލް އޯޑިއޯ އެނަލިސިސް ހެދުމަށް ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވި ގާޒީންނަށް އެމައްސަލަ ވަކި ގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ފެންމަތިވުމުން އެ މައްސަލަ ޖޭއެސްސީން ވަނީ ތަހުގީގު ކޮށްފައެވެ.
މިހާތަނަށް އެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމްކުރި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްްގެ އޯޑިއޯ ވަނީ ލީކުވެފައެވެ. ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.
ގާޒީ ފާއިޒް އާއި އަލީ އާދަމް އަދި މުހައްމަދު ސަމީރު ފަރާތުން މައުލޫމާތު ސާފު ކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަދި އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން އެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށް ވާ ގާޒީ އަލީ ރަޝީދު ހުސައިން އާއި އަހްމަދު ޝަކޫލް އާ ސުވާލު ކުރުމުން އެ ފަނޑިޔާރުން ވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރެއްވި ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.