ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްއަކީ، ތަނަވަސް މީހުންނަށް އޮތް ނަސީބެއް ނޫން ކަމަށާ، އެއީ އެންމެ ނާޒުކު ފައްތަރުގައި ތިބި މީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭ އެއްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ބައެއް ގައުމުތަކަށް އަދިވެސް ފުރަތަމަ ޑޯޒްގެ ވެކްސިން ނުލިބިގެން އުޅޭއިރު، ކުރިއަރާފައިވާ ބައެއް ގައުމުތަކުން 3 ވަނަ ޑޯޒް ޖަހަން ފަށާ، އަނެއް ބަޔަކު 3 ވަނަ ޑޯޒް ޖަހަން ފަށާފައި ވާއިރު، ބޫސްޓާ ޑޯޒްއަކީ ކޮންމެހެން ބޭނުން ޑޯޒްއެއް ކަން ސައެންސްގެ އަލީގައި ސާބިތު ނުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނީ، މިމަހުގެ ކުރީކޮޅުގައެވެ.

އެއް ބަޔަކަށް ވެކްސިން ޑޯޒްއެއް ނުލިބި އުޅެނިކޮށް، އަނެއް ބަޔަކު އިތުރު ޑޯޒްއެއްޖެހުމަކީ، ވެކްސިން ޖެހުމުގައި ދެބައެއްގެ މެދުގައި އޮތް ފަރަގު އިތުރަށް ފުޅާ ކުރާ ކަމެއް ކަމަށްވެސް ޑަބްލިއުއެޗްއޯއިން އޭރު ވަނީ ބުނެފައެވެ.

ކަން މިހެން ހިނގާފައި ވަނިކޮށް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޑަބްލިއުއެޗްއޯއިން ވިލާތަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ، ހާންސް ކްލޫގެ ވަނީ، މިއާ ހިލާފު ރައުޔެއް ފާޅު ކުރައްވާފައެވެ. ހާންސް ކްލޫގެ ވިދާޅުވީ، ބޫސްޓާ ޑޯޒްއަކީ، ވެކްސިންގެ އެންމެ ޑޯޒްއެއްވެސް ނުލިބި ހުރި މީހާގެ އަތުން ނިގުޅައިގަނެވޭ ހައްގެއް ނޫން ކަމަށެވެ. އަދި ބޫސްޓާ ޑޯޒްއަކީ، އެންމެ ނާޒުކު ހާލުގައި ތިބި މީހުންނަށް ދެވޭ އިތުރު ރައްކަލެއް ކަމަށެވެ.

3 ވަނަ ޑޯޒްއާމެދު ފަރުވާތެރި ވާން ޖެހޭ ކަމަށާ، ނަމަވެސް މިހާތަނަށް ލިބިފައިވާ ދިރާސީ ހޯދުންތަކަށް ބަލާއިރު، ބޫސްޓާ ޑޯޒްއަކީ ނާޒުކު މީހުންނަށް ރައްކާތެރިކަން ލިއްބައިދޭ އެއްޗެއްކަން ހާމަވެފައި ވާ ކަމަށްވެސް ހާންސް ކްލޫގެ ވަނީ ވިދާޅުވެފައެވެ.

މުއްސަނދި ގައުމުތަކުން 3 ވަނަ ޑޯޒްއެއް ދިނުމަށް އަމާޒު ހިފާ، އަމަލީ ކެމްޕޭން ފެށުމަށް ތައްޔާރު ވަމުން ދާއިރު، އެ މަޝްރޫއު މަޑުޖައްސާލަން ޑަބްލިއުއެޗްއޯއިން ގޮވާލީ މިމަހުގެ ކުރީކޮޅުގައެވެ. ޑަބްލިއުއެޗްއޯއިންވަނީ ކޮވިޑްގެ 3 ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހަން ފެށުން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްދިނުމަށް އެދިފައެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، ބޫސްޓާ ޑޯޒް ކެމްޕޭން މަޑުޖައްސާލައިފިނަމަ، ދުނިޔޭގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

މުއްސަނދި އަދި ފަގީރު ގައުމުތަކުގައި އޮތް ވެކްސިން ފަރަގު ކުޑަރުކުމަށް ޑަބްލިއުއެޗްއޯއިން މަސައްކަތް ކުރަމުން ދާއިރު، އެ ޖަމިއްޔާއިން ވަނީ، ސެޕްޓެމްބަރު މަސް އަންނައިރު، ދުނިޔޭގެ ކޮންމެ ގައުމެއްގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ޖެހުމަށް އަމާޒު ކަނޑައަޅާފައެވެ. ނަމަވެސް ހަގީގީ ދުނިޔޭގައި ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، މިއީ ހާސިލު ވާނެ އަމާޒެއް ކަމަކަށް ނުބެލެވެއެވެ.