އަފްގާނިސްތާނުގެ ލަވަ ކިއުންތެރިޔާ، ފަވާޒް އަންދަރާބީ، ބަޣްލާން ޕްރޮވިންސްގައި އޭނާ ދިރިއުޅެމުންދާ ގޭގައި ހުއްޓާ، ތޯލިބާން ހަނގުރާމަވެރިން އައިސް، ގަދަކަމުން އޭނާ ދަމާ، ބޭރަށް ނެރެ، މަރާލާފައި ވާ ކަމަށް، އޭނާގެ އާއިލާއިން ހާމަ ކޮށްފިއެވެ.

ފަވާޒް އަންދްރާބީގެ މަރާއެކު، ތޯލިބާނުން އިހު ކުރި ހަރުކަށި ފިކުރުގެ ވެރިކަން އިޔުދަ ވެދާނެ ކަމުގެ ބިރު، އަފްގާނިސްތާނުގައި ވަނީ ބޮޑުވެފައެވެ.

އޭޕީއާ ވާހަކަދައްކަމުން، ފަވާޒް އަންދަރާބީގެ ފިރިހެން ދަރިފުޅު، ޖަވާދު އަންދަރާބީ ބުނީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ތޯލިބާނުން އެ ގެއަށް ޒިޔާރަތް ކޮށް، ބައްޕައާއެކު ހަވީރުގެ ސަޔަކަށްވެސް އިންސާފު ކޮށްފައި ވާ ކަމަށެވެ. ނަމަވެސް، މަސްރަހު ބަދަލުވެ، ތޯލިބާނުން އޭނާ މަރާލަން ޖެހުނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

ތާލިބާނުން މަރާލި ލަވަކިއުންތެރިޔާ ފަވާދް އަންދަރާބީ/ ފޮޓޯ: ޓީސީޓީ

ޖަވާދު ބުނީ އޭނާގެ ބައްޕައަކީ، މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އައި، މައުސޫމު މީހެއް ކަމަށެވެ. އަދި ތޯލިބާނުން އޭނާގެ ބައްޕަގެ ބޮލަށް ބަޑިޖެހީ ދަނޑުތެރޭގައި ކަމަށެވެ. ބައްޕަގެ މަރަށް އިންސާފު ބޭނުން ވާ ކަމަށް ޖަވާދު ބުނާއިރު، ފަވާޒްގެ ގާތިލަށް އަދަބު ދޭނެ ކަމަށް، އެ ސަރަހައްދުގެ ތޯލިބާން ކައުންސިލުން ވައުދު ވެފައި ވާ ކަމަށްވެސް ޖަވާދު ބުނެއެވެ.

ތޯލިބާނުންގެ ތަރުޖަމާނު، ޒަބީއުއްލޯ މުޖާހިދުވެސް ވަނީ މި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ތޯލިބާނުންގެ ތަރުޖަމާނު ވަނީ، އަފްގާނިސްތާނުގެ އާންމު ތަންތަނުގައި މިއުޒިކް ކުޅުމަކީ މަނާ ކަމެއް ކަމުގައި އަނެއްކާވެސް ކަނޑައަޅާނެ ކަމަށް ބުނެފައެވެ. 1996 އިން 2001 ވަނަ އަހަރުގެ ނިޔަލަށް އަފްގާނިސްތާނުގައި ތޯލިބާނުން ވެރިކަން ކުރިއިރުވެސް އެކަން އޮތީ އެހެންނެވެ.