އެކި ބޭނުންތަކުގައި އަވަށްޓެރި ސްރީލަންކާއަށް ދަތުރު ކުރާ ފަރާތްތަކުގެ އަތުން ނަގާ ވިސާ ފީއާއި ޖޫރިމަނާ މުރާޖާކޮށް، އާންމު ކޮށްފިއެވެ.

ސްރީލަންކާގެ ކޮންޓްރޯލާ ޖެނެރަލް އޮފް ދަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން ވިސާ ފީއާއި ޖޫރިމަނާ މުރާޖާކޮށް، އާންމު ކޮށްފައި މިވަނީ، އޯގަސްޓް 18، 2021 ވަނަ ދުވަހު ގެޒެޓް ކޮށްފައި ވާ އެ ގައުމުގެ އިމިގްރޭޝަން އަދި އެމިގްރޭޝަން ރެގިއުލޭޝަނާ އެއްގޮތް ވާ ގޮތުގެ މަތީން ކަމަށް ހަބަރު ލިބެއެވެ.

މުރާޖާކޮށްފައި ވާ ވިސާ ފީއާއި ޖޫރިމަނާގެ ބައެއް ތަފްސީލުތަކަށް ބަލާއިރު، އެމީހަކު ސްރީލަންކާއަށް ދަތުރު ކުރަމުން ނަގާފައި ވާ ވިސާގެ މުއްދަތު ހަމަވުމަށްފަހު، ވިސާ އާ ނުކޮށް، ގައުމުގައި މަޑުކުރާނަމަ، 500 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަން ވަނީ ހާމަކޮށްފައެވެ.

އަދި ގުޅޭ ދާއިރާއަކުން އާ ވިސާއެއް ހޯދުމަށް 40 ޑޮލަރާއި 200 ޑޮލަރާ ދެމެދު އަދަދެއްގެ ފީއެއް ނަގާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. 200 ޑޮލަރުގެ ވިސާ ފީ ދައްކަން ޖެހޭ ގިންތީގައި ހިމެނެނީ އިންވެސްޓަރުންނާއި، ވަޒީފާ އަދާ ކުރާ މީހުންނާއި، ދަރިވަރުން، ސިއްހީ ބޭސް ފަރުވާއަށް ދަތުރު ކުރާ މީހުން، ސަރުކާރު ހިއްސާ ނުވާ މުއައްސަސާ ތަމްސީލު ކުރާ މީހުނާއި، މި މީސްމީހުންގެ އަނބި،ދަރިންނެވެ.

ސްރީލަންކާއަށް ޓޫރިސްޓް ވިސާގައި ދަތުރުކުރާ ދިވެހިން މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން، ސްރީލަންކާއަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އެޕްރޫވަލް (އީ.ޓީ.އޭ) ސިސްޓަމް މެދުވެރިކޮށް ސްރީލަންކާއަށް އެތެރެވުމުގެ ހުއްދަ ނަގައިގެން ދަތުރުކުރެވޭނެ ކަމަށާ، އަލަށް އަންނަ ބަދަލުތައް ތަންފީޒުވާން ފެށުމުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ބައިލޭޓަރަލް އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ހިލޭ ވިސާ ކުރިއެކޭވެސް އެއްގޮތަށް ދެމުންދާނެ ކަމަށާ، 180 ދުވަހުގެ ވިސާ އީ.ޓީ.އޭ މެދުވެރިކޮށް 50 ޑޮލަރުގެ ފީއަކަށް ނެގޭނެ ކަމަށް ދިވެހި ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އީ.ޓީ.އޭ ސިސްޓަމް މެދުވެރިކޮށް ކުރިން ހުއްދަ ނަގައިގެން ލަންކާއަށް ދަތުރުކުރުމުގެ އުސޫލަކީ ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާ ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.