ދޭދޭ ވިޔަފާރިއާއި ބެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް – އެމްއޯޔޫ (ފަހުމްނާމާ)އެއްގައި ސޮއި ކުރުމަށް، އަވަށްޓެރި ސްރީލަންކަގެ ސިލޯން ޗޭމްބާ އޮފް ކޮމާސް (ސީސީސީ) އާއި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް ޗޭމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި) އިން ނިންމާފައި ވާ ކަމަށް، ލަންކާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ލަންކާ މީޑިއާއިން މިކަން ރިޕޯޓް ކޮށްފައި ވަނީ، ދިވެހިރާއްޖެއަށް ސްރީލަންކާއިން ކަނޑައަޅާފައި ވާ ހައިކޮމިޝަންގެ އޮފިޝަލުންނާއި އެމްއެންސީސީއައިގެ އޮފިޝަލުންނާ ދެމެދު، އޯގަސްޓް 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމަކަށް ރިއާޔަތްކޮށެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ސީސީސީއާއި އެމްއެންސީސީއައިއާ ދެމެދު، އިގުތިސޯދާއި ވިޔަފާރީގެ ރޮނގުން އޮތް ޒަމާންވީ ގުޅުންތައް އިޔާދަ ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، އެހެންވެސް ރޮނގުތަކުން ވިޔަފާރި ކުރިއަރުވާ، ވިޔަފާރިއަށް ހުރި ހުރަސްތައް ނައްތާލުމާ ބެހޭ ގޮތުންވެސް ދެ ގައުމުން މަޝްވަރާ ކޮށްފައި ވާ ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ދިވެހިރާއްޖެއާއި ލަންކާއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ 2 ގައުމަށް ވާއިރު، މިއަދު ދުނިޔެއަށް ކުރިމަތިލާންެޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން،. 2 ގައުމުގެ އިގުތުސޯދަށްވެސް ވަނީ އެކަމުގެ އަސަރު ފޯރާފައެވެ.

ދޭދެ ވިޔަފާރި ފުޅާ ކުރުމާ ބެހޭ ފަހުމްނާމާ އެކުލަވާލާނީ، ދެ ގައުމުގެ ވިޔަފާރި އިތުރަށް ފުޅާ ކުރެވެން ހުރި ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މި އެއްބަސްވުމުގައި ސޮއި ކުރާނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.