އިންތިހާއަށް މަސްރަހު ނުތަނަވަސްވެ ބިކަވެފައިވާ އަފްގާނިސްތާނުން މީހުން ބޭލުމުގެ މަސައްކަތް ކުރިއަށް ދާ މި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނެގުމަށް، ޕްރަވައިޓް ސެކިއުރިޓީ ކުންފުނި، ބްލެކްވޯޓާގެ ފައުންޑަރު، އެރިކް ޕްރިންސް މަސައްކަތް ކުރި ކަމަށް ބުނެ، ވައިޓްހައުސްއިން ފާޑުކިޔައިފިއެވެ.

ވައިޓްހައުސްއިން ބުނީ، އަފްގާނިސްތާނުން ފުރަން ޗާޓަރު ކޮށްފައި ވާ ފްލައިޓަކުން، ބޮލަކަށް 6500 ޑޮލަރުގެ ރޭޓުން ޓިކެޓް ވިއްކުމަށް، ޕްރިންސް މަސައްކަތް ކުރި ކަމަށެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ، އަފްގާނިސްތާނުގެ ތަކުލީފުތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށްދިއުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގާ، އެކަމުން މާލީ މަންފާއެއް ހާސިލު ކުރުމަކީ، ހިތެއް އޮތް މީހަކު ކުރާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ ސީލްއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އޮފިސަރެއް ކަމަށް ވާ ޕްރިންސް ވަނީ އޭނާގެ ދިފާއަށް ވާހަކަ ދައްކާފައެވެ. ޕްރިންސް ބުނާ ގޮތުގައި، ޓިކެޓަށް މިހާ ބޮޑު އަގެއް ކިޔަން ޖެހުނީ، އަފްގާނިސްތާނުގައި އެމީހުން ތާށިވެފައި ތިބި ގެތަކުން، ސަލާމަތްތެރިކަމާއެކު އެއާޕޯޓާ ހިސާބަށް ގެނައުމުގެ ހަރަދާވެސް އެކުގައި ކަމަށެވެ.

ޕްރިންސްއަކީ އަފްގާނިސްތާނުގައި އެމެރިކާއިން ކުރަމުން ދިޔަ ހަނގުރާމަވެސް ޕްރައިވަޓައިޒް ކުރަން ގޮވާލި މީހެކެވެ. އެނާ ވަނީ ސެކިއުރިޓީ ކޮންޓްރެކްޓަރުން އަފްގާނިސްތާނަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ބާރު އަޅާފައެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބު ވާ ގޮތް އޮތީ ނުވެފައެވެ.