ޓޮމް ހޮލަންޑްގެ "ސްޕައިޑާ-މޭން: ނޯ ވޭ ހޯމް" އިން، "އެވެންޖާޒް: އެންޑްގޭމް"ގެ ރެކޯޑް މުގުރާލައިފިއެވެ.

24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުން ބެލި ޓްރޭލާގެ ރެކޯޑް "ސްޕައިޑާ-މޭން: ނޯ ވޭ ހޯމް" އިން ކަށަވަރު ކޮށްފައި ވާއިރު، މި ފިލްމުގެ ޓްރޭލާ ވަނީ، ކަނޑައެޅި ތާރީހަށް ވުރެ 1 ދުވަސް ކުރިން ލީކުވެފައެވެ.

ސޮނީ ޕިކްޗާޒްއިން "ސްޕައިޑާ-މޭން :ނޯ ވޭ ހޯމް" ގެ ރަސްމީ ޓްރޭލާ އާންމު ކުރީ ބުދަ ދުވަހުއެވެ. ނަމަވެސް، އޭގެ ކުރިން ގިނަ ބަޔަކު ވަނީ ލީކުވި ޓްރޭލާ ބަލާފައެވެ. ފުރަތަމަ ޓްރޭލާއިންވެސް "އެވެންޖާޒް: އެންޑްގޭމް"ގެ ރެކޯޑް މުގުރާލުމަކީ، "ސްޕައިޑާ-މޭން" ގެ ހަގީގީ ފޭނުން ގިނަ ކަމުގެ ހެއްކެއް ކަމުގައި ބުނެވިދާނެއެވެ.

2019 ވަނަ އަހަރު ރިލީޒް ކުރި "ސްޕައިޑާ-މޭން: ފާ އަވޭ ފްރޮމް ހޯމް" ގެ ޓްރޭލާ ބެލި މީހުންގެ އަދަދަށް ވުރެ ދެގުނަ އިތުރަށް، ފަހުގެ ޓްރޭލާ ބެލި ކަމަށް ހަބަރު ލިބެއެވެ.

"ސްޕައިޑާ-މޭން: ނޯ ވޭ ހޯމް" ގެ ފުރަތަމަ ޓްރޭލާއަށް، 24 ގަޑިއިރުގެ ތެރޭގައި 355.5 މިލިއަން ވިއުޒް، ދުނިޔޭޣެ އެކި ކަންކޮޅުތަކުން ލިބިފައި ވާ ކަމަށް، ޑެޑްލައިން އިން ބުނެއެވެ. "އެވެންޖާޒް: އެންޑްގޭމް" އިން މި ރެކޯޑް ހެދީ 289 މިލިއަން ވިއުޒްއާ އެކުގައެވެ.

ޑެޑްލައިންގެ މައުލޫމާތަށް ބަލާއިރު، 24 ގަޑިއިރުގެ ތެރޭގައި 4.5 މިލިއަން ފަހަރު، ސްޕައިޑާ-މޭންގެ ޓްރޭލާގެ ވާހަކަ، ސޯޝަލް މީޑިއާގައި ދައްކާފައިވެއެވެ.

ޓޮމް ހޮލަންޑްއާއި ބެނެޑިކްޓް ކަމްބާބެޗްގެ އިތުރުން ޕީޓާ ޕާކާވެސް ފެނިގެންދާ "ސްޕައިޑާ-މޭން: ނޯ ވޭ ހޯމް"، ތިއޭޓަރުތަކަށް އަންނާނީ ޑިސެމްބަރު 17 ވަނަ ދުވަހުއެވެ.