މަސްރަހު އިންތިހާއަށް ނުތަނަވަސްވެފައިވާ އަފްގާނިސްތާނުގެ ހާލަތަށް އިންޑިއާއިން ރިއާޔަތް ކުރާނީ، ހުރިހާ ޕާޓީއެއް ޝާމިލުވާ މަޝްވަރާތަކަށް ފަހު، ގައުމީ އެއްބައިވަންތަކަމުގެ ރޫހުގައި ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ވަނީ ޑރ ޖައިޝަންކަރު އިޝާރާތް ކުރެއްވި، ހުރިހާ ޕާޓީއެއް ޝާމިލުވާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 31 ޕާޓީއަކުން 37 ލީޑަރަކު ބައިވެރިވެވަޑައިގެންނެވި މަޝްވަރާތައް، 3 ގަޑިއިރަށް ވުރެ އިތުރަށްދެމިގެން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ ޖައިޝަންކަރު ވަނީ، އިންޑިއާއިން އިސްކަން ދޭ ކަންކަމާއި ކުރިމަތިލާން ޖެހިފައި ވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ހާއްސަ ޕްރެޒެންޓޭޝަނެއްވެސް ދެއްވާފައެވެ. ނަމަވެސް މިކަން ކަމާ ބެހޭ އިތުރު ތަފްސީލެއް މީޑިއާއަށް އަދި ތިލަވެފައެއް ނުވެއެވެ.

އަދި ތޯލިބާނުން އެކުލަވާލަން މަސައްކަތް ކުރަމުން ދާ ސަރުކާރާ މެދު އިންޑިއާއިން ނިންމާ ގޮތަކާ ބެހޭ މައުލޫމާތުވެސް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އާންމު ކޮށްފައެއް ނުވެއެވެ.

އިންޑިއާއިން މިހާރުވެސް ދަނީ އަފްގާނިސްތާނުގައި ތިބި އެ ގައުމުގެ ރައްޔިތުން، އަފްގާނިސްތާނުން ބޭލުމުގެ މަސައްކަތް ކުރަމުންނެވެ. އަފްގާނިސްތާނުގެ ބައެއް ރައްޔިތުން އެ ގައުމުން ފައިބަންވެސް އިންޑިއާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިންޑިއާގެ އޮޕަރޭޝަންގައި އަފްގާނިސްތާނުން 565 މީހަކު ބާލާފައި ވާ އިރު، 175 މީހުންނަކީ އެމްބަސީއާ ގުޅުންހުރި މީހުން ކަމަށާ، 263 މީހުންނަކީ އިންޑިއާ ރައްޔިތުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ހިންދޫންނާއި ސިކުން ހިމެނޭހެން އަފްގާނިސްތާނުގެ 112 މީހަކު އެ ގައުމުން ބާލަ ދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.