ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެގެން، އަވަށްޓެރި އިންޑިއާއިން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކޮށްފިއެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 46164 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިއީ ދެކުނުގެ ސްޓޭޓެއް ކަމަށް ވާ، ކެރެލާގައި ކުރިއަށް ގެންދިޔަ ހަފުލާތަކެއްގެ ނަތީޖާ ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮވިޑް-19ގެ ތަފާސް ހިސާބުތައް އެއްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ މައުލޫމާތަށް ބަލާއިރު، މިއީ ޖުލައި 7 ވަނަ ދުވަހަށް ފަހު، 45000 އަށް ވުރެ މަތިން އިންޑިއާއިން ކޮވިޑް ކޭސް ރިޕޯޓް ކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

އަލަށް ރިޕޯޓް ކޮށްފައި ވާ ކޭސްތަކަކީ، އަންގާރަ ދުވަހުގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު، 45 ޕަސެންޓް އިތުރު އަދަދެކެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވާއިރު، އަންގާރަ ދުވަހު ޕޮޒިޓިވްވެފައި ވަނީ 25467 މީހުން ކަމަށް ހަބަރު ލިބެއެވެ.

މިއަދުގެ ރިޕޯޓަށް ބަލާއިރު 31445 ކޭސް ހިއްސާ ކޮށްފައި ވަނީ ކެރެލާއިންނެވެ. މިއީ ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ 68 ޕަސެންޓަށް ވުރެ ބޮޑު އިންސައްތައެކެވެ.

އިންޑިއާގެ ފެޑަރަލް ސަރުޚާރުން ވަނީ، ކެރެލާގައި ކޭސް އިތުރު ވަމުން އަންނަ އައުން، އެހެން ސަރަހައްދުތަކަށް ފެތުރި، 3 ވަނަ ރާޅެއް ބިންދާލާފާނެ ކަމަށް ގަބޫލުކުރާ ކަން ހާމަކޮށްފައެވެ. އަދި ކޭސްތައް ފެތުރެމުން ދާ ދިއުމަކީ، ވެކްސިނަށް ނުގުޑާ އާ ވޭރިއަންޓަކަށް މަގުފަހި ކޮށްފާނެ ކަމުގެ ކަންބޮޑުވުންވެސް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ ކޮވިޑް ކޭސް ލޯޑް، 2 ވަނަ އަށް އެންމެ ބޮޑު ގައުމެވެ. އިންޑިއާއިން މިހާތަނަށް 32.5 މިލިއަނަށް ވުރެ ގިނަ ސާމްޕަލް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 436000 އަށް އަރާފައެވެ.

ކޮވިޑް-19ގެ ވެކްސިން ކެމްޕޭނުގައިވެސް އިންޑިއާއަކީ ފަހަތުގައި އުޅޭ ގައުމެކެވެ. 600 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވީ ނަމަވެސް، މިހާރު ކުރިއަށް ދާ ރޭޓުގައި ވެކްސިން ކެމްޕޭން ކުރިއަށް ދާ ނަމަ، އަހަރު ނިމޭއިރު ވެކްސިން ޖެހިފައި ވާނީ އާބާދީގެ އެންމެ 32 ޕަސެންޓަށް ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.