ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުގެ ކުރީގެ ރައީސް، ހާމިދު ކަރުޒާއީއާއި ހައި ކައުންސިލް ފޮ ނޭޝަނަލް ރީކޮންސިލިއޭޝަން، ޢަބްދުﷲ ޢަބްދުﷲ، ގޭބަންދު ކޮށްފައި ވާ ކަމަށް، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ރަޝިއާގެ ސްޕަޓްނިކް ނޫހާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ކަރުޒާއީއާއި ޢަބްދުﷲ ގޭބަންދު ކޮށްފައި ވަނީ، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާން ހަނގުރާމަވެރިން، އެ ދެބޭފުޅުންގެ ސެކިއުރުޓީ ޓީމުތައްވެސް ހައްޔަރު ކުރުމަށް ފަހުގައެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި ތޯލިބާނުން ވަނީ ޢަބްދުﷲ ދިރިއުޅުއްވަމުން ގެންދަވާ ގެ، ބަލާ ފާސްކުރުމުގެ މަސައްކަތް، އިއްޔެގެ ވަގުތެއްގައި ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ތޯލިބާނުން ވަނީ އަފްގާނިސްތާނުގެ ސިޔާސީ މައިދާނުން ފެންނަ ބައެއް ޝަހްސިއްޔަތުންގެ ކާރުތައްވެސް އަތުލާފައި ކަމަށް ހަބަރު ލިބެއެވެ.

މި ދަނޑިވަޅަކީ އަފްގާނިސްތާނު ދޫކޮށް، އެހެން މަންޒިލްތަކުން ރައްކާތެރިކަން ހޯދުމުގެ އުއްމީދުގައި އެތައް ހާސް ބަޔަކު މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެކެވެ. ނަމެވެސް އަފްގާނިސްތާނުން ބޭރަށް ދެވެން އޮންނަ މައި ދޮރޯށި ކަމަށްވާ ކާބުލް އެއާޕޯޓަށް، ޓެރަރިސްޓް އައިސިސް ޖަމާއަތުގެ ހަމަލާއެއް ހަމަ ކޮންމެ ފަދަ ވަގުތެއްގައި ވެސް އަމާޒު ވެ ދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ދެމުންނެވެ.