މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު ކޮށްފައިވާ ސިމްބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމަށް ހަތް ދުވަސް ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީއަތުގައި ޕެސްޓްގެ ފަރާތުން ދިފާއީ ހެކި ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވެފައި ވުމުން ޕެސްޓްގެ ވަކީލުން ވަނީ އިތުރު މުއްދަތެއް ދިނުމަށް އެދިފައެވެ. އެހެންކަމުން ގާޒީ ވަނީ ހެކި ހުށަހެޅުމަށް އިތުރު ހަތް ދުވަސް ޕެސްޓަށް ދީފައެވެ.

އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ އަޑުއެހުންވެސް މިއަދު ކުރިޔަށް ގެންދިޔައެވެ. ސުއައިދުއަށް ލިބެން ޖެހޭ ލިޔެކިޔުންތައް އޭނާއަށް ހަމައަށް ނުލިބޭ ކަމަށް ބުނެފައި ވާތީ އެ މައްސަލަ ސާފު ކުރުމަށް ފަހު ދެން އޮންނަ އަޑުއެހުމެއްގައި ދެފަރާތުން ހެކި ހުށަހެޅުމަށް ވަނީ ތާވަލް ކޮށްފައެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ޕެސްޓާ ހައްޔަރު ކުރީ، މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެ މައްސަލައިގައި، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާއެވެ.