މާލޭގައި މިއަދު ހެނދުނު ޒުވާނެއްގެ ކަރަށް ވަޅިން ހަމަލާދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެހާދިސާ ހިނގާފައި ވަނީ ހެންވޭރު ރޯޝަނީ ބިލްޑިން ކައިރިން ކަމަށެވެ.

މިހާދިސާގައި އަނިޔާ ލިބިފައިވަނީ 21 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ. އަދި އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އަދި އޭނާގެ ކަރުގެ ނާރުތަކާއި ކާހޮޅި ބުރިވެފައި ވާކަމަށްވެސް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.

އެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ މިއަދު 10:13 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.