ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައި ވާ އަފްގާނިސްތާނަށް، މާލީ އެހީ ދިނުން ހުއްޓާލަން ނިންމާފައި ވާ ކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުގެ ތަރުޖަމާނު މާސެލާ ސަންޗޭޒް-ބެންޑާ ވިދާޅުވީ، އަފްގާނިސްތާނުގެ މަސްރަހާ މެދު އެ އިދާރާއިން ކަންބޮޑުވާކަމަށާ، އެ ގައުމުގައި ކަންކަން ނިއުޅެމުން އަންނަ ގޮތަށް ބަލާއިރު، ވަކިން ހާއްސަކޮށް އަންހެނުންގެ ހާލަތަށް ބަލާއިރު، އިންތިހާއަށް ކަންބޮޑުވުން އެބަހުރި ކަމަށެވެ.

ވޯލްޑް ބޭންކުގެ ވެބްސައިޓް ބުނާ ގޮތުން އެ އިދާރާއިން ވަނީ އަފްގާނިސްތާނުގެ ތަރައްގީގެ މަޝްރޫއުތަކަށް 5.3 ބިލިއަން ޑޮލަރު ކަނޑައަޅާފައެވެ. ވޯލްޑް ބޭންކުން އިދާރީ ކަންކަން ބަލަހައްޓަމުން އަންނަ ދި އަފްގާން ރީކޮންސްޓްރަކްޝަން ޓްރަސްޓް ފަންޑުގެ އަގުވެސް 12.9 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ވޯލްޑް ބޭންކުން އަފްގާނިސްތާނަށް މާލީ އެހީ ދިނުން ހުއްޓާލުން ވެގެން ދާނީ މިހާރުވެސް އިންތިހާ ތަކުލީފު އުފުލަމުން އަންނަ އަފްގާނިސްތާނަށް ކުރިމަތިލާންޖެހޭނެ އިތުރު ގޮންޖެހުމަކަށެވެ. ބައިނަލްއަގުވާމީ އެހީއަށް އިންތިހާއަށް ބަރޯސާވެފައި ވާ އިރު، ކާބޯތަކެތީގެ އަގުތައްވެސް އަފްގާނިސްތާނުގައި އުފުލެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ވޯލްޑް ބޭންކުން ބުނީ، އަފްގާނިސްތާނުގެ ކަންކަމުގައި ބައިނަލްއަގުވާމީ މުޖުތަމައާއި ތަރައްގީގެ ބައިވެރިންނާއެކު އެ އިދާރާއިން ވަރަށް ގާތުން މަޝްވަރާ ކުރަމުން ދާނެ ކަމަށެވެ. އަދި އަފްގާނިސްތާނަށް ވެވެން އޮތް ގޮތަކުން އެހީ ފޯރުކޮށްދެވޭނެ މަގުތައް ބަލަމުން އަންނަ ކަމަށްވެސް ސަންޗޭޒް-ބެންޑާ ވަނީ ވިދާޅުވެފައެވެ.