އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ދޫކޮށް ދިއުމަށް އޮތް ސުންގަޑިއަކީ އޯގަސްޓް 31 ވަނަ ދުވަސް ކަމަށާ، އެއަށްފަހު ކާބުލްއިން އިވަކުއޭޝަންގެ ގޮތުގައި މީހުން ބޭލުމުގެ ފުރުސަތު ނުދޭނެ ކަމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރު އެޅި، ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ބުނެފިއެވެ.

ތޯލިބާނުންގެ ތަރުޖަމާނު ޒަބީއުއްލޯ މުޖާހިދު ބުނީ، އަފްގާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުން ބޭލުމަށް، ސުންގަޑީގެ ކުރިން ގިނަ ވަގުތުތަކެއް އެބައޮތް ކަމަށެވެ.

ކަން މިހެން އޮތް އިރު، އަފްގާނިސްތާނުގެ ރައްޔިތުން، ކާބުލް އެއާޕޯޓަށް ދިއުމުގެ ހުއްދަ ނުދޭނެ ކަމަށް ތޯލިބާނުން ވަނީ ބުނެފައެވެ. މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ކާބުލް އެއާޕޯޓް ސަރަހައްދުގެ މަސްރަހު އޮތް ގޮތުން ކަމަށް މުޖާހިދު ބުނެއެވެ. އެއާޕޯޓްގައި މިހާރު ތިބި ފަސެންޖަރުންވެސް އަނބުރާ ގެތަކަށް ދިއުމަށާ، އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް ޒަބީއުއްލޯ ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޒަބީއުއްލޯ ވަނީ، އަފްގާނިސްތާނުގެ ރައްޔިތުން ގައުމު ދޫކޮށް ދިއުމަށް ހިތްވަރު ދިނުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލާފައެވެ. ވަކިން ހާއްސަކޮށް، އަފްގާނިސްތާނުގެ އިލްމުވެރި އާބާދީގެ ތެރޭގައި ހިމެނޭ ޑޮކްޓަރުންނާއި އިންޖިނޭރުން ފަދަ މީސްމީހުން ގައުމު ދޫކޮށް ދާން ހިތްވަރު ދިނުން ހުއްޓާލުމަށް ޒަބީއުއްލޯ ވަނީ ގޮވާލާފައެވެ.

ޒަބީއުއްލޯ ބުނާ ގޮތުގައި އަފްގާނިސްތާނުގެ ހޮސްޕިޓަލްތަކާ، ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އިތުރުން ލޯކަލް ގަވަމަންޓްތަކުގެ އޮޕަރޭޝަންތައް މިހާރު ވަނީ ފަށާފައެވެ.

ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްގާނިސްތާނު ގެންދިޔަ ފަހުން ފާއިތުވީ ދޮޅު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 50000 އެއްހާ މީހުން ވަނީ އަފްގާނިސްތާނުން ފުރާފައި ވާ ކަމަށް އެމެރިކާއިން ބުނެއެވެ. އޭގެ ތެރޭގައި ބިދޭސީންގެ އިތުރުން އަފްގާނިސްތާނުގެ ރައްޔިތުންވެސް ހިމެނެއެވެ.