އަންހެނުންނަށް ދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދެނިވި ނިޒާމެއް ތަންފީޒު ކުރެވެންދެން، ވަޒީފާއަށް ދާ އަންހެނުން ގޭގައި މަޑުކުރަން ޖެހޭ ކަމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރު އެޅި، ހަނގުރާމަވެރި، ތޯލިބާން ޖަމާއަތުން އަންގައިފިއެވެ.

ތޯލިބާނުންގެ ތަރުޖަމާނެއްގެ ގޮތުގައި ވާހަކަދައްކަމުން އަންނަ ޒަބީއުއްލޯ މުޖާހިދު ބުނީ، މިއީ "ވަރަށް ވަގުތީ" އިޖުރާއަތެއް ކަމަށެވެ.

މީގެ 10 ވަރަކަށް ދުވަސް ކުރިން އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާން ޖަމާއަތަކީ 2001 ވަނަ އަހަރުގެ ނިޔަލަށް، އަފްގާނިސްތާނުގައި، ހައްދު ފަހަނައަޅާފައި ވާ ހަރުކަށި ފިކުރުގެ ވެރިކަމެއް ހިންގަމުން އައި ޓެރަރިސްޓް ޖަމާއަތެކެވެ.

އަފްގާން އަންހެނުން ގޭގައި މަޑުކުރަން އަންގާފައިވާ އެންގުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެމުން މުޖާހިދު ބުނީ، ތޯލިބާނުންގެ ސަލާމަތީ ބާރުތަކަކީ އަންހެނުންނާ ގުޅޭ ކަންކަމުގައި ތަމްރީނު ދީފައި ވާ ބައެއް ނޫން ކަމަށެވެ. ސަލާމަތީ ބާރުތަކުގެ ބައެއް މެންބަރުންނަކީ އަންހެނުންނާ ވާހަކަދައްކަންވެސް އެނގޭ ބައެއް ނޫން ކަމަށާ، ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރެވެންދެން، އަންހެނުން ގޭގައި ތިބެން ޖެހޭ ކަމަށެވެ.

އަފްގާނިސްތާނުގެ ވެރިކަމަށް މިފަހަރު އެ ޖަމާއަތުން އިސްވީ ކުރިއާ ތަފާތު ރޫހެއްގައި ކަމަށާ، އަންހެނުންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކޮށްދޭނެ ކަމަށް ތޯލިބާން ޖަމާއަތުން ދަނީ ބުނަމުންނެވެ. ނަމަވެސް އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައި، އަންހެނުންނާއި އަންހެން ކުދިންނަށް އެތައް ގޮންޖެހުންތަކަކާ ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ބައިނަލްއަގުވާމީ މުޖުތަމައާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ބުނަމުންނެވެ.