އަފްގާނިސްތާނުން މީހުން ބޭލުމަށް، އެ ގައުމަށް ދަތުރު ކުރި މަތިންދާބޯޓެއް ހައިޖެކްކޮށްފައި ވާ ކަމަށް، ރަޝިއާގެ ހަބަރު ފަތުރާ އޭޖެންސީއަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ޔޫކްރައިންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު، ޔެވްގެނީ ޔެނިންއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހައިޖެކްކުރި ފްލައިޓައް ޖައްސާފައި ވަނީ އީރާންއަށެވެ.

ޔެނިންއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އާދީއްތަ ދުވަހު ހައިޖެކްކުރި ފްލައިޓް، ޔޫކްރައިން އަތުން "ވަގަށް ނެގީ" އަންގާރަ ދުވަހުއެވެ. ހައިޖެކްކުރި ފްލައިޓް އީރާނަށް ޖައްސާފައި ވާއިރު، އެ ފްލައިޓްގެ ފަސެންޖަރުންގެ ލިސްޓުގައި ގޮތް ނޭނގޭ ބަޔަކު ތިބި ކަމަށްވެސް ޔެނިން ވިދާޅުވި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ހައިޖެކްކޮށްފައި ވަނީ އަސްކަރީ މަތިންދާބޯޓެއް ކަމަށާ، ހައިޖެކްކުރި ފްލައިޓްގައި ކާބުލްއިން ފުރި 83 މީހަކު ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި، އެކްޓިވިސްޓުންގެ އިތުރުން އަފްގާނިސްތާނަށް ނިސްބަތްވާ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

އަފްގާނިސްތާނުގެ މީހުން ބޭލުމުގެ މަސައްކަތް ކުރިއަށް ދާއިރު، ޔޫކްރައިންގެ 100 އެއްހާ މީހުން އަދިވެސް އަފްގާނިސްތާނުގައި އެބަތިބި ކަމަށް ހަބަރު ލިބެއެވެ. ފްލައިޓް ހައިޖެކްކުރި ހާދިސާއަށް ފަހު، 3 ފަހަރެއްގެ މަތިން އިވަކުއޭޝަން މަސައްކަތް ކުރިއަށް ގެންދަން ޔޫކްރައިން މަސައްކަތް ކުރި ކަމަށާ، ނަމަވެސް ޔޫކްރައިންގެ ރައްޔިތުންނަށް، އެއާޕޯޓަށް ވަދެވިފައި ނުވާ ކަމަށް ޔެނިންއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ފްލައިޓް ހައިޖެކްކޮށްފައި ވަނީ ހަތިޔާރު އަޅައިގެން ތިބި ބައެއް ކަމަށް ހަބަރު ލިބެއެވެ.

ސިޔާސީ މަސްރަހު ހަލަބޮލިވެ، ނުތަނަވަސްކަން ވެރިވާ ހިނދު، ޔޫކްރައިންގެ ފްލައިޓްތަކަށް އެކި ކަހަލަ މައްސަލަތައް ދިމާވުމުގެ ތާރީހެއް މިފަހުން ވަނީ ރެކޯޑް ކުރަން ފަށާފައެވެ. އެގޮތުން ރަޝިއާއާއި ޔޫކްރައިންއާ ދެމެދު ހަމަނުޖެހުން ހިންގި ދުވަސްވަރު، ކޮމާޝަލް ފްލައިޓެއް ވެއްޓުމުގެ އިތުރުން، އީރާނާއި އެމެރިކާއާ ދެމެދު މަސްރަހު ހޫނުވެގެން ދިޔައިރު، ކޮމާޝަލް ފްލައިޓެއް ވައްޓާލި ހާދިސާ ފާހަގަ ކުރެވެއެވެ.