ސޯޝަލް މީޑިއާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދިން މައްސަލައިގާ ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ޖަހައިފިއެވެ.

އެމީހާގެ ބަންދުގެ މުއްދަތް ޖަހާފައިވަނީ ރ. އުނގޫފާރު މެޖިސްޓްރޭޓު ކޯޓުންނެވެ.

ފުލުހުން ބުނީ ނަޝީދަށް އިންޒާރުުދިން މައްސަލައިގަ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް އެ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑާލުމާ ގުޅިގެން 15 ދުވަހުގެ ޖަލު ހުކުމެއް ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރ. މީދޫއިންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ސްކްރީންޝޮޓްތަކުން ފެންނަގޮތުގައި ރައީސް ނަޝީދަށް އަނެއްކާ ވެސް އިންޒާރު ދީފައި މިވަނީ ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫންކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓަކުންނެވެ.

އެ ކޮމެންޓުގައި އެމީހާ ބުނެފައިވަނީ ރައީސް ނަޝީދު ދެން ރާއްޖެ ވަޑައިގެންފިނަމަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެމީހާގެ ކޮމެންޓަށް ރައްދުދީ އެހެން މީހަކު ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެ ކޮމެންޓަށް ވެސް ރައްދު ދެމުން އޭނާ ވަނީ ހައެއް މޭގައި އެތަން ވަނީ ފެނިފައި ކަމަށާއި ދެން އެއަށް ވުރެ ހިތިވާނެ ކަމަށެވެ.

ރައީސް ނަޝީދު މިހާރު ވެސް ހުންނެވީ މޭ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދެވުމަށްޓަކައި އިނގިރޭސި ވިލާތުގައެވެ. މީގެ ކުރިން ސެޕްޓެމްބަރު މަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވާހަކަ ދެއްކެވި ނަމަވެސް ފަހުން ވަނީ ޗުއްޓީ އިތުރުކޮށް އެ ހަމަލާގައި ހައްޔަރުކުރި މީހުންނަށް ގޮތެއް ނުނިންމަނީސް ރާއްޖެ ވަޑައިނުގަންނަވަން ނިންމާފައި ވާކަން ހާމަ ކުރައްވާފައެވެ.