ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނުން ބަލި ކުރަން ތިބި، އެތައް ހާސް މެންބަރުންނެއްގެ މައްޗަށް އެކުލެވޭ ބޮޑު ފައުޖެއް އެބަ އޮތް ކަމަށް، ތޯލިބާނުންނާ ދެކޮޅަށް ހަރަކާތްތެރިވާ އަފްގާނިސްތާނުގެ ގުރޫޕަކުން ބުނެފިއެވެ.

ނޭޝަނަލް ރެޒިސްޓަންސް ފްރަންޓް އޮފް އަފްގާނިސްތާން (އެންއާރްއެފް)ގެ ހާރިޖީ ގުޅުންތަކާ ބެހޭ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ނަޒާރީ ބުނީ، އެ ގުރޫޕުން ބޭނުން ވަނީ ސުލްހަވެރި މަޝްވަރާތަކެއް ކަމަށެވެ. ނަމަވެސް، އެކަން ފެއިލްވެއްޖެ ނަމަ، އެއްވެސް ޒާތެއްގެ ނަފުރަތު ގަދަބަދަވި ކަމެއް ބަލައި ނުގަންނާނެ ކަމަށެވެ.

ކަން މިހެން އޮތްއިރު، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާނުން ބުނީ، އެންއާރްއެފްގެ ވަރުގަދަ ކިއްލާއެއް ކަމަށްވާ ޕަންޖުޝީރް ވާދީ ސަރަހައްދު ވަށާލާފައި ވާ ކަމަށާ، އެ ގުރޫޕު ބައްދާލާފައި ވާ ކަމަށެވެ. އެންއާރްއެފް ގުރޫޕުންވެސް ވަނީ، އެ ސަރަހައްދަށް ތޯލިބާނުން ގަދަ ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ތޯލިބާނުންނާ ދެކޮޅަށް ތެދުވި އަފްގާނިސްތާނުގެ ރެޒިސްޓަން ފައުޖު (އެންއާރްފް) ގެ ބާނީ، އަހުމަދު މައްސޫދު (މ) / ފޮޓޯ: ރޮއިޓާޒް

ތޯލިބާނުން އަރާ ވައްޓާލި އަފްގާން ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި އަމްރުއްލޯ ސޯލިހުވެސް މިވަގުތު ހުންނެވީ ޕަންޖްޝީރު ސަރަހައްދުގައެވެ. ޕަންޖްޝީރު ވާދީ ސަރަހައްދަކީ، ވެރިވެގެންނަން މަސައްކަތް ކުރާ ބާރުތަކާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާ ސަރަހައްދެކެވެ. އެގޮތުން 1979-1989 އަށް ކުރި އަފްގާން-ސޯވިއެޓް ހަނގުރާމައާއި، 1990ގެ އަހަރުތަކުގައި ތޯލިބާނުންނާ ދެކޮޅަށް ކުރި ހަނގުރާމާގައިވެސް ޕަންޖްޝީރު ސަރަހައްދުން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.

އެންއާރްފްއެގެ ބާނީއަކީ އަފްގާނިސްތާނުގައި ބަތޮލެއްގެ ދަރަޖަ ދެމުން އަންނަ އަހުމަދު ޝާހް މައްސޫދުގެ ފިރިހެން ދަރިފުޅު، އަހްމަދު މައްސޫދުއެވެ. އެންއާރްފްއެގެ ހަގީގީ މަގުސަދަކީ، ލާމަރުކަޒީ އުސޫލުން، ވަކިވެފައިވާ ސަރުކާރެއް މެދުވެރިކޮށް ވެރިކަން ހިންގޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.