ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނީ ރާޅަށްފަހު އިންޑިއާގެ ސަނަމާތަކަށް އާ ދިރުމެއް ގެނެސްދިން ފިލްމުގެ ގޮތުގައި ބޮލީވުޑްގެ ދުނިޔެ ފަތަހަ ކުރި ފިލްމް "ބެލް ބޮޓަމް" ދެއްކުން، މެދުއިރުމަތީގެ ބައެއް ގައުމުތަކުން މަނާކޮށްފިއެވެ.

ތާރީހީ ހެކިތަކަށް ބަލާއިރު އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، "ބެލް ބޮޓަމް" ދެއްކުން މަނާ ކުރި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ކުވައިތު އަދި ގަތަރު ހިމެނެއެވެ.

ފިލްމް "ބެލް ބޮޓަމް" ގެ ވާހަކަ ބިނާ ކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި އިންދިރާ ގާންދީ ހުންނެވި ދުވަސްވަރު ހިނގާދިޔަ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. އެއީ 1980ގެ އަހަރުތަކުގައި ހިނގާދިޔަ، މަތިންދާބޯޓު ހައިޖެކް ކުރުމުގެ ހާދިސާއެކެވެ. ސައުދީއާއި ކުވައިތު އަދި ގަތަރުގައި ފިލްމުތަކަށް ސެޓިފިކޭޝަން ދޫކުރާ އިދާރާތަކުން ފިލްމް "ބެލް ބޮޓަމް" އަށް ނޫނެކޭ ބުނެފައި ވަނީ، ތާރީހީ ހެކިތަކެއް އޮޅުވާލީތީ ކަމަށް ހަބަރު ލިބެއެވެ.

ފިލްމުގެ ދެވަނަ ބައިން ފެނިގެން ދަނީ، ހައިޖެކް ކުރި މީހުން، ލާހޯރުން ދުބާއީއަށް މަތިންދާބޯޓު ގެންދާ މަންޒަރެވެ. 1984 ވަނަ އަހަރު ހާދިސާ ހިނގި ގޮތުގެ ހަގީގަތަށް ބަލާއިރު، މިކަން ހައްލު ކުރުމުގައި ހުރިހާ ކަމެއް ކުރެއްވީ އެކުވެރި އަރަބި އިމާރާތުގެ ދިފާއީ ވަޒީރު ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއެވެ. އަދި ހައިޖެކަރުން ބަލިކޮށްލުމުގެ ހުރިހާ ކަމެއް ކުރީ ޔޫއޭއީއިންނެވެ.

އޯގަސްޓް 19 ވަނަ ދުވަހު ތިއޭޓަރުތަކުގައި އެޅުވި ފިލްމް "ބެލް ބޮޓަމް" އިން ފެނިގެންދާ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރު، ވާނީ ކަޕޫރު އަދި ލާރާ ދައްތާއާއި ހުމާ ގުރައިޝީއާއި އާދިލް ހުސައިން ފާހަގަކުރެވެއެވެ.