ނުވުމަށް ވުރެ، ވުން ގާތް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ 3 ވަނަ ރާޅު އިންޑިއާއަށް ބިންދާލާ، އޮކްޓޯބަރު ސާޖަކަށް ހިނގައިދާނެ ކަމަށާ، ކުޑަކުދިންގެ އިތުރުން ބަލީގެ ނުރައްކާ އިންތިހާއަށް އޮތް ބޮޑެތި މީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމަށް ސިއްހީ ގޮތުން ވާންޖެހޭ ތައްޔާރީތައް ވުމަށް، އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިޒާސްޓާ މެނޭޖްމަންޓް (އެންއައިޑީއެމް) ގެ ދަށުން އެކުލަވާލާފައިވާ ތަޖުރިބާކާރުންގެ ކޮމިޓީން އިންޒާރު ކޮށްފިއެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީގެ އަމުރަކަށް، ތަޖުރިބަކާރުންގެ ކޮމިޓީން ތައްޔާރު ކޮށްފައި ވާ ރިޕޯޓް ބުނާ ގޮތުގައި، ކޮވިޑްގެ ސާޖަކާ ކުރިމަތިލާން ޖެހިއްޖެ ހިނދެއްގައި، ކުޑަކުދިންނަށް ހިދުމަތް ދޭނެ ޕީޑިއަޓްރިކް ފެސިލިޓީތަކާ، ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ވެންޓިލޭޓަރާއި އެމްބިއުލާންސް ފަދަ ވަސީލަތްތައް، އެކަށީގެންވާ ގޮތަކަށް ހަމަޖެހިފައި ނެތް ކަން ފާހަގަކޮށްފައި ވެއެވެ. ސާޖަކަށް ހިނގައްޖެ ނަމަ، އިންފެކްޓްވާ ކުޑަކުދިންނަށް އެކަށީގެންވާ ފަރުވާ ދެވުމާ ގާތަށް ބޭނުން ވާ މިންވަރަށްވެސް މި ވަސީލަތްތައް ހަމަޖެހިފައި ނެތް ކަމަށް ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ.

މީގެ އިތުރުން، ސިއްހީ އެކި ކަހަލަ ބަލިތައް ތަހައްމަލު ކުރަމުން ދާ ކުޑަކުދިންނަށް ވެކްސިން ކެމްޕޭންގައި އިސްކަން ދިނުމަށްވެސް ތަޖުރިބާކާރުންގެ ރިޕޯޓްގައި ވަނީ ގޮވާލާފައެވެ.

ހަރުކަށި ކަމާއެކު ފިޔަވަޅުތަކެއް އެޅި ކަމުގައި ވީ ނަމަވެސް، އޮކްޓޯބަރު މަހުގެ ފަހުކޮޅު، ކޭސްތައް ޕީކަށް ދިއުން ނުވަތަ ރެކޯޑް އަދަދުތަކުން އިތުރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ކުރައްވާފައެވެ. އިންޑިއާއަށް ކުރިމަތިވާނެ ކަމަށް ލަފާ ކުރާ 3 ވަނަ ރާޅުގައި، ކުޑަކުދިންނަށް ނުރައްކާ ބޮޑުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.