މުޖްތަމައުގައި ހިނގަމުންދާ ޝަރީއަތާ ހިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

އިސްލާމް ދީނާ ދެކޮޅު ފިކުރުތަކާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ އާއި މިނިސްޓާ އޮފް ހޯމް އެފެއާޒް އައްޝައިހް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ގާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ހައްލު ކުރުމަށާއި ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވިއެވެ. ހަމައެހެންމެ މިފަދަ މައްސަލަތަކުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް ވާހަކަ ދެއްކެވިއެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާއި އިސްލާމީ އަހުލާގީ މިންގަޑުން ބޭރު އަމަލުތަކާއި އިސްލާމީ ޝަރީއަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާއްމު ވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ، އެ ކަންކަން ހައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވިއެވެ.