ޓެރަރިސްޓް ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު އެ ގައުމުން ރައްކާތެރިކަމާއެކު މީހުން ބޭލުމަށް ކުރަމުން ދިޔަ މަސައްކަތުގައި، ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 20 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ނޭޓޯގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން ރޮއިޓާޒްއާ ވާހަކަދެއްކެވި އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ކާބުލް އެއާޕޯޓްގެ ބޭރުގައި ހިނގަމުންދަނީ "ބަދު ނަސީބު" ކާރިސާއެކެވެ. އަދި ނޭޓޯގެ އަމާޒު މިވަގުތު ހުރީ، އަފްގާނިސްތާނުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން، ވީ އެންމެ އަވަހަކަށް އެ ގައުމުން ބާލާ، ހުސް ކުރުމަށް ކަމަށްވެސް އޮފިޝަލު ވިދާޅުވި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ހައްދު ފަހަނަ އަޅާފައި ވާ ހަރުކަށި ފިކުރުގެ ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު، އެތައް ހާސް ބަޔަކު ވަނީ، ގައުމު ދޫކޮށް ދެވޭތޯ ބެލުމަށް އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ. މި ގޮތަށް ޖަމާވުމުގެ ތެރޭގައި ފިތި ބާރުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

އެއާޕޯޓް ސަރަހައްދުގެ ސަލާމަތީ މަސްރަހު އިންތިހާއަށް ނުތަނަވަސްވުމުގެ ސަބަބުން، އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭހެން، ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ، ރައްކާތެރި މަންޒިލްތައް މީހުން އުދުއްސުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލާފައި ކަމަށް ހަބަރު ލިބެއެވެ. އަދި މިކަން ކުރެވޭނެ އިތުރު މަގުތައް ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.