ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި މިއަދު 13:30 ގައި ބޭއްވި އަޑުއެހުމުގައި މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް މައްސަލަ ބައްލަވާ ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ.

ޑރ. ޒިޔާދު ގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އޭސީސީގެ ތަހުގީގަކުން ނިންމުމާ ގުޅިގެންނެވެ.

ދެން އޮންނަ އަޑުއެހުމެއްގައި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވިއެވެ. ނަމަވެސް ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރައްވައެވެ.

ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ޑރ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައިވެއެވެ.

އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހިމް އަބްދުﷲ ސައީދު ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް ސާބިތުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އިބްރާހިމް އަބްދުﷲ ސައީދާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށްވެސް އޭސީސީއިން ބުނެފައިވެއެވެ.

ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހިކުމެއް އަންނާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގްފު އިމާރާތެއްގެ ގޮތުގައި އެ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ، 2018 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ، 2019 އަހަރުގެ ރޯދަ މަސް އަންނަން ވާއިރަށް، ޒިކުރާ މިސްކިތުގެ އާ އިމާރާތް ނިމި ވަގުތީ ގޮތުން ނަމާދު ކުރެވޭ ވަރު ވާނެ ކަމަށެވެ.