ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު މުލިއާގެ ކައިރިއަށް ދެމީހަކު ފޮށިގަނޑަކާއި ދަބަހަކާއި ރަތް ކޮތަޅެއް ހިފައިގެން ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދީ އަޑުގަދަކުރަން ފެށުމުން، މުލިއާގެ ސެކިއުރިޓީން ވަނީ އެދެމީހުން ހިފަހައްޓާފައެވެ. ނަމަވެސް އެތަނުން އެކަކު ވަނީ ހަމަ އެރޭ ދޫކޮށްލާފައެވެ. އަދި މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދިން މީހާ ބަންދުގައި ބެހެއްޓިއެވެ.

އެމީހާގެ ބަންދު މުއްދަތު މީގެ ކުރިން ތިން ފަހަރު ޖެހިއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އޭނާ އާ ދެކޮޅަށް ދައުވާ ނުކުރުމަށް ނިންމުމާ ގުޅިގެން މިމަހު 18 ވަނަ ދުވަހު އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ. އަދި ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް ވާހަކަދައްކާ މީހުން ދަނީ ހައްޔަރު ކުރަމުންނެވެ.

މުލިއާގެ ސަރަހައްދުގާ ސެކިއުރިޓީވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ