ބަނގުރާބުއި ކަމަށް އިއުތިރާފްވި މީހެއްގެ ގައިގައި 40 އެތިފަހަރުން ޖަލްދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ހުކުމް އިއްވާފައި ވަނީ ކ. މާލެ / ގ. ގާނެޓް، ހަސަން ޔާމީންގެ މައްޗަށެވެ.

އެމީހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.

މަސްތުވުމަށް ބަނގުރާ ބޭނުންކުރާ މީހެއް ކަމަށް އޭނާ ވަނީ އިއުތިރާފް ވެފައެވެ.

އެގޮތުން އިބްތިދާއީ މަރުހަލާގައި ދައުވާ އަށް އިއުތިރާފު ވުމުންނާ ،ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުން ހެދުމާ ގުޅިގެން އޭނާގެ އަދަބަށް ވަނީ ލުޔެއް ދީފައެވެ.

އެހެންކަމުން އޭނާގެ މައްޗަށް ވަނީ ނުވަ ދުވަހުގެ ޖަލުހުކުމެއް އިއްވާ 40 އެތިފަހަރުން ޖަލްދު ކުރުމަށް ހުކުމް ކޮށްފައެވެ.

އަދި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ނުވަ ދުވަހުގެ ޖަލު ހުކުމަ އަދަބަށް ވުރެ ގިނަ ދުވަހު ބަންދުގައި ހޭދަކޮށްފައި ވާތީ، އިތުރަށް ތަންފީޒު ކުރަންޖެހޭ ޖަލު ހުކުމެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.