ރާއްޖޭގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫނު މިގޮތަށް ވިދާޅުވެފައިވަނީ އަވަށްޓެރި ސްރީލަންކާ ރެއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ލޮކްޑައުން ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އަވަށްޓެރި ސްރީލަންކާ ލޮކްޑައުން ކޮށްފައިވަނީ އެގައުމުގައި އަނެއްކާ ވެސް ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެންނެވެ. ރާއްޖޭގައި ވެސް އޭޕްރިލް މަހުން ފެށިގެން ޖޫންމަހު މެދާ ހަމައަށް ކޮވިޑްކޭސްތައް އިތުރުވުމާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފައިވަނީ ޖުލައިމަހުއެވެ.

ޖުލައިމަހުން ފެށިގެން ރާއްޖޭގައި ލުއިތަށް ދޭންފަށާފައިވާއިރު، މިހާރު ރާއްޖޭގައި މޮނިޓަރިންގ ހާލަތުގައި ނެތް ރަށްރަށަށް ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ކަރަންޓީނާ ނުލާ ދަތުރުކުރެވެއެވެ. އަދި ރާއްޖޭގެ ބޯޑަރުތައް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހުޅުވާލާ ރަށްރަށުގެ ގެސްޓްހައުސްތަކަށް ވެސް 2 ޑޯޒް ހަމަކޮށްފައިވާ ފަތުރުވެރިންނަށް ޗެކް-އިން ވެވޭގޮތަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ރަށްތަކުން ކޮވިޑް ކޭސްތައް ފެންނަ މިންވަރު މި ހަފްތާގައި ވަނީ އިތުރުވެފައެވެ. އެގޮތުން ކޮވިޑް ކޭސްތައް ފެނުމުގެ ސަބަބުން 18 ރަށެއް މިވަގުތު އޮތީ މޮނިޓަރިންއަށް ލާފައެވެ.

އޮގަސްޓް 20، 2021 އާއި ހަމައަށް މޮނިޓަރިންއަށް ލާފައިވާ ރަށްތަކަކީ:

  • ރ. ދުވާފަރު
  • ކ. ކާށިދޫ
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ
  • އއ. ހިމަންދޫ
  • ހދ. މަކުނުދޫ
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • އދ. ހަންޔާމީދޫ
  • ހދ. ނެއްލައިދޫ
  • ހއ. އިހަވަންދޫ
  • ގދ. ތިނަދޫ
  • އދ. ދަނގެތި
  • ގއ. މާމެންދޫ
  • ގއ. ކަނޑުހުޅުދޫ
  • މ. މަޑުއްވަރި
  • ކ. ގާފަރު

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތް އެންމެ ގިނަދުވަސް ވެފައިވާ ރަށަކީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރިންނަށް ލާފައިވަނީ މޭ 25، 2021 ގައެވެ. އެއަށްފަހު މޮނިޓަރިން ހާލަތުގައި އެންމެ ގިނަދުވަސްވެފައިވަނީ ކ. ކާށިދޫއެވެ. ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޖުލައި 13، 2021 ގައެވެ.