އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ދޫކުރައްވާ ރައީސް އަޝްރަފު ޣަނީ ފުރާވަޑައިގެންނެވުމާއެކު، ރިޔާސީ ގަނޑުވަރު ހިމެނޭހެން އަފްގާނިސްތާނުގެ ރަސްމީ އިމާރާތްތަކަށް ވަދެގަތީ ތޯލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.

އިސް ކޮމާންޑަރުން ބޮޑެތި ބަޔާންތައް ދެމުން ދިޔައިރު، ޒުވާން ފުރައިގެ ހަނގުރާމަވެރިންގެ ކަމަކަށް ވީ ސެލްފީ ނެގުމެވެ.

މަޒާރީ ޝަރީފުން ފެންނަމުން ދިޔައީ، ތޯލިބާނުންގެ ހިތި އަދުއްވެއް ކަމަށްވާ ރާޝިދު ދުސްތޫމްގެ ބޮޑު ޕޯސްޓަރަކަށް ބަޑިޖަހާ، އެ ބިމާ ހަމަކޮށްވައްޓާލުމަށްފަހު، އޭގެ މައްޗަށް ފައިން އަރައިގެން އުޅުނު މަންޒަރެވެ. އަނެއް ބަޔަކު އޭނާގެ ގެއަށް ވަދެ، ވީޑިއޯތައް ނެގުމުގައި މަޝްހޫލުވެ އުޅުނެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުން، އަފްގާނިސްތާނުގެ ރިޔަސީ ގަނޑުވަރުގައި / ފޮޓޯ: އެންވައިޓީ

ހީރާންގައި ތިބި ތޯލިބާން ހަނގުރާމަވެރިންވެސް ދިޔައީ ފޮޓޯ ނަގަމުންނެވެ. ހެލިކޮޕްޓަރުތަކުގެ އިތުރުން، އަތުލައިގެންފައިވާ ހަތިޔާރުތަކާއެކުގައެވެ.

އިސް ކޮމާންޑާރުން ހަނގުރާމައަށް "ފައްކާވީ" ތޯލިބާނުންނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައެވެ. ނުވަތަ ހަރުކަށިފިކުރަށް ސިކުނޑި ދޮވެލި "މަދްރަސާ"ތަކުން ނުބަތަ ރެފިއުޖީ ކޭމްޕުތަކުގައެވެ.

އާ ރެކްރޫޓުންގެ ގިނަ މީހުން ބޮޑުވެ، ބާރުގަދަވަމުން ދިޔައީ އެމެރިކާގެ "ނޯއްދަށުގައޭ" ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ޒުވާން ހަނގުރާމަވެރިންގެ ތެރެއިން ގިނަ މީހުންނަކީ ސެޕްޓެމްބަރު 11 ގެ ހަމަލާއަށްފަހު މި ދުނިޔޭގެ އަލިކަން ދުށް މީހުންނެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރި ދުވަސްވަރުއެވެ.

ޓޭންކަރު ފަދަ ބޮޑެތި އުޅަނދު ތަކުގައި، ތޯލިބާނުންގެ ދިދަ ވިހުރަމުން ހަނގުރާމަވެރިން ކޮޅުކޮޅު މައްޗަށް ދުއްވަމުން ދާ އިރު، އަތުގައި އޮންނަނީ އިސް ކޮމާންޑާރުންގެ ރޭޑިއޯ ސެޓްތަކާ ހިލާފަށް އެންމެ ޒަމާނީ ސްމާޓްފޯންތަކެވެ.

ތޯލިބާނުންގެ ޒުވާން ހަނގުރާމަވެރިންގެ އަތުން މިހާރު ފެންނަނީ އެންމެ ޒަމާނީ ސްމާޓްފޯނު / ފޮޓޯ: އޭއެފްޕީ

މި ހަނގުރާމަވެރިންނަކީ އާދަޔާ ހިލާފަށް ތަމްރީނު ލިބިފައި ވާ ބައެކެވެ. އެއް އަތުން ބަޑި ޖަހަމުން، އަނެއް އަތުން ހޭންޑް ގްރެނޭޑް އުކާ މަންޒަރު ފެނިގެން ރިޕޯޓް ކޮށްފައި އެބަހުއްޓެވެ. މި ޖީލަކީ، އިސް ކޮމާންޑަރުންގެ ޖީލަށް ވުރެ "ބިރުވެރި" ބައެއް ކަމަށް އަފްގާނިސްތާނުގެ ރައްޔިތުން ބުނެއެވެ.

ތޯލިބާނުންގެ ލީޑަރެއް ކަމަށްވާ މޯލްވީ ޔަހުޔާ ބުނާ ގޮތުގައި ތޯލިބާންގެ އާ ޖީލުގެ "މުޖާހިދުންނަކީ" އެމެރިކާ ބަލިކުރި ބައެކެވެ. ބޮޑު ޖީލަކީ ރަޝިއާ ބަލި ކުރި ބައެއް ކަމަށެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުންގެ މުށުތެރޭގައި ބަންދުކޮށްލުމާއެކު ދެން ފެނިގެންދިޔައީ ކުޑަކުދިން ކުޅެން ހާއްސަކޮށްފައި ވާ ބަމްޕާ ކާރުތަކާ، ޓްރެމްޕޮލީން ފަދަ އެއްޗިއްސަށް ހަނގުރާމަވެރިން އަރައިގެން ސަކަރާތް ޖެހި މަންޒަރެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުންގެ ހަނގުރާމަވެރިން އެމިއުޒްމަންޓް ޕާކެއްގައި ސަކަރާތް ޖަހަނީ / ފޮޓޯ: ޑިޖިޗެޓް

ހިލްމަންދު ޕްރޮވިންސަށް ނިސްބަތްވާ ނޫރު މުހައްމަދު، ސްކޫލްގައި ހުއްޓާ އެއްދުވަހަކު ގެއަށް ގެނައީ، އޭނާގެ އަޚަކާއި ދެބެންގެ ދެދަރި އަޚެއް މަރާލުމާ ގުޅިގެންނެވެ. އެ ދެކުދިން މަރާލި އަފްގާން އަސްކަރިއްޔާއިން ކަމަށް ބުނެއެވެ. ތޯލިބާނުންނާ ބައިވެރިވި ވާ ކަމުގެ ކުށް ހީއެއްގައި ކަމަށް ނޫރު ބުންޏެވެ. އެ ދެކުދިންގެ ކަށުކަމާ ކެމީގެ ކަންކަން ކުރުމުގައި ތޯލިބާނުންގެ ކޮމާންޑަރަކު ބައިވެރިވިއެވެ. އެ ދެ ކުދިންނަކީވެސް ޝާހީދުން ކަމަށާ، ނޫރުގެ ޒިންމާއަކީ ބަދަލު ހިފުން ކަމަށް އެ ކޮމާންޑަރު ވިސްނައިދިނެވެ. ޖެހިގެން އައި ދުވަހު، ސްކޫލަށް ދިއުމުގެ ބަދަލުގައި، ނޫރު ދިޔައީ ތޯލިބާނުންގެ ގާތަށެވެ.

ހާލިގަކީވެސް ތޯލިބާޏުންގެ ޒުވާން ހަނގުރާމަވެރިއެކެވެ. ކުޑަކުއްޖެއްގެ ގޮތުގައި ވީ ދުވަހު، ތާ އަބަދަށް ބައްޕަ ގެއްލުނީ އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައެވެ. ހާލިގަށް ހިތްވަރަކަށް ވީ، އަމިއްލަ ފަސްގަނޑަށް ވެރިވެގަނެގެން އުޅޭ ބޭރުގެ ސިފައިންގެ އަތުން ގައުމު މިނިވަން ކުރުމުގެ ރޫހެވެ.

އަފްގާނިސްތާނު ސަރުކާރުގައި މަސައްކަތް ކުރި މީހުންނާއި އެމެރިކާ މީހުންނަށް އަފޫ އާންމު ދިނުމަށް ތޯޅިބާނުން ނިންމި ނަމަވެސް، މިކަން ހަޖަމް ކުރުން ވާނީ، ތޯލިބާނުންގެ ޒުވާން ހަނގުރާމަވެރިންނަށް، މާ ފަސޭހަ ކަމަކަށް ނޫނެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުންގެ ޒުވާން ހަނގުރާމަވެރިން / ފޮޓޯ: އޭއެފްޕީ

ހިލްމަންދުގެ ގަބީލާ ލީޑަރަކު ކިޔައިދީފައި ވާ ގޮތުގައި، ތޯލިބާނުން ވަނީ ރާ ރެކްރޫޓުން ހޯދުމަށް، މިދިޔަ ރޯދަމަހު އެ އަވަށަށް ޒިޔާރަތް ކޮށްފައެވެ. ބޮޑެތި ތަގުރީރުތައް ދީ، އެމެރިކާއާ ދެކޮޅަށް ހޯދާ ވަރުގަދަ ނަސްރުގެ ބައިވެރިއަކަށް ވުމަށް ފުރުސަތު ހުޅުވާލި ކަމަށްވެއެވެ. އީދު ނިންމާ، ތޯލިބާނުންގެ ކޮމާންޑަރުން އެނބުރި ދިޔައީ، ގާފިލާތަކުގައި ޒުވާން ހަނގުރާމަވެރިން ގޮވައިގެން ކަމަށް ގަބީލާ ލީޑަރު ބުނެފައިވެއެވެ.

ތޯލިބާނުންގެ މި ކެމްޕޭނަށް އިތުރު ހިތްވަރެއް ލިބުނީ، އެމެރިކާގެ ފައުޖުތައް، އަފްގާނިސްތާނުގެ ފަސްގަނޑުން ފައިބަން ފެށި ހިސާބުންނެވެ. ރަސްމީ ކޮށް މިކަން އިއުލާން ކުރުންވީވެސް ތޯލިބާނުންނަށް ލިބުނު "ނަސްރަކަށެވެ".

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުންގެ ޒުވާން ހަނގުރާމަވެރިން، އަސްކަރީ އުޅަނދެއްގައި / ފޮޓޯ: އޭއެފްޕީ

ތޯލިބާނުންގެ ޒުވާން ޖީލު "ފައްކާ" ކޮށްފައި ވަނީ، އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ ހިޔަނީގައެވެ. އެމެރިކާއާއި ހުޅަނގުން ހިސާބު ޖެހުމުގައި ގޯސްތަކެއް ހެދުނީއެވެ. އަލް-ގައިދާ ބަލިކޮށްލި ފަދައިން، ތޯލިބާނުންވެސް ބަލިކޮށްލެއްވިއްޖެ ކަމުގެ ކުށް ހީ ކުރެވުނީއެވެ. ތޯލިބާންގެ ތަމްރީނު ލިބިފައި ވާ ހަނގުރާމަވެރިންގެ އަދަދު 85000 އަށް އަރާނެ ކަމަށް ބެލެވެއެވެ.