ސުލްހަވެރި ކަމާއެކު ތޯލިބާނުންނާ ބާރުތައް ހަވާލު ކުރައްވަން ބޭނުންފުޅި ވި ކަމަށާ، ނަމަވެސް އަމިއްލަ ގައުމުން އޭނާ ބޭރު ކުރީ އިހުތިޔާރުން ބޭރުގައި ކަމަށް، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ގެންދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގައުމު ދޫކުރައްވާ ފުރާވަޑައިގެންނެވި ރައީސް އަޝްރަފު ޣަނީ ވިދާޅުވެއްޖެއެވެ.

އެކުވެރި އަރަބި އިމާރާތް (ޔުއޭއީ)ގައި ހުންނަވާ، ފޭސްބުކް މެދުވެރި ކުރައްވާ ޕަޝްޓޯ ބަހުން މުޅި ދުނިޔެއަށް ދެއްވި ހިތޯބެއްގައި ޣަނީ ވަނީ، އަފްގާނިސްތާނުން ފުރާވަޑައިގެންނެވީ ގިނަ އަދަދެއްގެ ފައިސާ ހިއްޕަވައިގެން ކަމަށް ބުނެ، މީޑިއާގައި ދައުރު ކުރާ ވާހަކަތައްވެސް ދޮގު ކުރައްވާފައެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށްވެސް ޣަނީ ވަނީ ވިދާޅުވެފައެވެ. ޔޫއޭއީގެ ކަސްޓަމްސްއިންވެސް އެކަން ކަށަވަރު ކުރެވޭނެ ކަމަށް ޣަނީ ވިދާޅުވިއެވެ.

ތުރުކުރައްވައިގެން ހުންނެވި ބޫޓުކޮޅު ބަދަލު ކުރައްވާނެ ވަގުތުވެސް ލިބިވަޑައި ނުގެންނެވި ކަމަށާ، ގައުމުގެ ވެރިޔާއަށް ވީތި، ވަގުތުން ވަގުތަށް ގައުމު ދޫކޮށްލުން ނޫން ގޮތެއް ސެކިއުރިޓީން ނުދެއްކި ކަމަށްވެސް ޣަނީ ވަނީ ވިދާޅުވެފައެވެ.

މި ފަހުގެ ތާރީހުގައި އަފްގާނިސްތާނުގެ މަސްރަހު އެންމެ ހައްސާސީ ފައްތަރަކަށް ވެއްޓިގެން ދިޔަ ދުވަހުގެ ވާހަކަތައް ހިއްސާ ކުރައްވަމުން ޣަނީ ވިދާޅުވީ، ކާބުލްއަށް ނޭރުމަށް ތޯލިބާނުން އެއްބަސްވެފައި އޮތް ނަމަވެސް އެ ޖަމާއަތުން އެކަން ކުރި ކަމަށެވެ. އަދި އޭނާއަކީ އަފްގާނިސްތާނުގައި ގަދަރު ލިބިގެންވާ ރައީސަކަށް ވީ ހިނދު، ދަންޖެހިވަޑައިގެންނަވަން ބޭނުންފުޅު ނުވީ ކަމަށާ، ފަހަރެއްގައިވެސް ގައުމު ދޫކުރައްވާ ވަޑައިގަތީ، އަވަހާރަކޮށްލާފާނެ ކަމުގެ ބިރުފުޅުން ނޫން ކަމަށްވެސް ޣަނީ ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނުން ފައިބާވަޑައިގަތީ އޭނާގެ އެންމެ އަސާސީ ރައުސުލްމާލު ކަމުގައި ވާ ފޮތްތައްވެސް ދޫ ކުރައްވާފައި ކަމަށާ، ބައެއް ސިއްރު ލިޔެކިއުންތައް، ރިޔާސީ ގަނޑުވަރުގައިވެސް ހުންނާނެ ކަމަށެވެ. ތޯލިބާން ހަނގުރާމަވެރިން މިހާރު ވަނީ ރިޔާސީ ގަނޑުވަރުގެ ކޮންޓްރޯލްވެސް ނަގާފައެވެ.

މިވަގުތު އެކުވެރި އަރަބި އިމާރާތުގައި ހުންނެވީ، އަފްގާނިސްތާނަށް ސުލްހަ ގެނައުމަށްޓަކާ، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށް ކަމަށް ވެސް ޣަނީ ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތަނުގެ 14 ވަނަ ރައީސްގެ ގޮތުގައި އަޝްރަފު ޣަނީ މަގާމަށް އިސް ކުރެވުނީ ސެޕްޓެމްބަރު 29، 2014 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ވަނީ ކާބުލް ޔުނިވާސިޓީގެ ޗާންސެލަރު ކަމާ، އަފްގާނިސްތާނުގެ މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ. އަޝްރަފު ޣަނީ މަތީ ތައުލިމު ހާސިލު ކުރައްވާފައި ވަނީ އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތާއި ކޮލަމްބިއާ ޔުނިވާސިޓީންނެވެ.