ކައުންސިލުތަކަށް ލިބޭ އާމްދަނީން ހަރަދު ކެނޑުމަށްފަހު ބާކީ ހުންނަ ފައިސާއިން އެހެން ކައުންސިލަކަށް ލޯނު ދޫކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހުތަކެއް ގެންނަން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. އެ ބިލުގައި ވަނީ ގިނަ ކަންތައްތަކެއް މާލިއްޔަތު ގާނޫނުގައި ހިމެނުމަށް ހުށަހަޅާފައެވެ. އެ ގޮތުން ކައުންސިލަކަށް އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރުން ހުއްދަ ކުރުމަށް ވަނީ ހުށަހަޅާފައެވެ.
މިގޮތަށް ލޯނަށް ހުށަހަޅަން ވާނީ ފައިސާ ނަަގަން ފާސްކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދުމަށް ފަހު ކަމަށް އެ ބިލުގައި ވެއެވެ. އެގޮތުން ފައިސާ ނަަގަން ބޭނުންވާ ލިޔެކިޔުންތައް ވެސް ތައްޔާރު ކުރަން ޖެހޭނީ ބިލް ފާސް ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީން ހަދާ ގަވައިދަކާ އެއްގޮތަށް ކަމަށް ވެސް އެ ބިލުގައި ވެއެވެ.
އެއް ކައުންސިލުން އަނެއް ކައުންސިލަށް ދޫކުރާ ލޯނު ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިއްޖެ ނަމަ ކަންތައް ކުރަން ޖެހޭ ގޮތް ވެސް އެ ބިލުގައި ބަޔާން ކޮށްފައި ވެއެވެ. އެގޮތުން ކައުންސިލްތަކަށް ފައިސާ ދޫކުރާ އިރު، ލޯނު ނުދެއްކި ކައުންސިލްގެ ފައިސާ އިން، ލޯނަށް ދައްކަން ޖެހޭ ބައި އުނިކޮށް، ލޯނު ދޫކުރި ކައުންސިލަށް އެ ފައިސާ ދިނުމަށް އެ ބިލުގައި ވެއެވެ.
އަދި ކައުންސިލަކަށް ލޯނު ދޫކުރާ ނަމަ އެ މުއާމަލާތުގެ ހުރިހާ ތަފުސީލެއް ފިނޭންސް މިނިސްޓްރީ އަށް ދޭން ޖެހެއެވެ. އެ މައުލޫމާތު ދޭނެ ގަވައިދެއް، މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވާލަން ވެސް ބިލުގައި ވެއެވެ.
މިއަދު މަޖިލީހުގައި މި ބިލަށް ވަނީ ބަހުސް ކޮށްފައެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، ލޯނު ނަގަން ފިނޭންސުން ހުއްދަ ދޭ ގޮތަށް އޮންނަ ނަމަ، އެ މިނިސްޓްރީން އެކަމަށް ހޭދަކުރެވޭނީ ގިނަވެގެން ކިހާ ވަގުތެއްކަން ވެސް ކަނޑައަޅަން ޖެހޭ ގޮތަށް ބިލުގައި ހިމަނަން ފެނިވަޑައިގަންވާ ކަމަށެވެ. މި ގޮތަށް ހަދަން ފެނިވަޑައިގަންނަވާ ސަބަބު ހާމަ ކުރައްވަމުން އިލްޔާސް ވިދާޅުވީ، 200 އަށް ވުރެ ގިނަ ކައުންސިލް އޮތް އިރު ކައުންސިލްތަކުން ލޯނަށް އެދި ހުށަހަޅަމުން އަންނަ ނަމަ ބެކްލޮގެއް އޮތުން އެކަށީގެން ވާތީ ކަމަށެވެ.