ކުޑަކުއްޖަކަށް މައިމީހާ އަނިޔާކުރި މައްސަަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރިކަމުގެ މައްސަލައެއް ރޭ ގާތްގަނޑަކަށް މެންދަމު 12:50 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެ ކުއްޖާއަށް އަނިޔާކުރަމުން ދާ މީހަކީ ފުލުހެއް ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް ފުލުހުން އެކަން ޔަގީންކޮށެއް ނުދެއެވެ.

މި މަހުގެ 14 ވަނަ ދުވަހު ނ. ވެލިދޫގައި ވެސް ވަނީ އަންހެނަކު އޭނާގެ ދަރިންނަށް އަނިޔާކުރި މައްސަަލައެއް ފުލުހުން ބަލަން ފަށާފައެވެ. އަދި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައިވާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (ސީއެފްޕީއޭ) ވަނީ މި މަހުގެ 16 ވަނަ ދުވަހު ބުނެފައެވެ.

ކުޑަކުދިންނަށް ލިބޭ މިފަދަ އަނިޔާތައް ހުއްޓުވުމަށް ގިނަ ކެމްޕޭންތައް ކުރިއަށް ގެންދާ އިރު މި ފަދަ ކަންކަން ރިޕޯޓު ކުރުމަށާއި ކުޑަކުދިންގެ ހައްގު ހޯދައި ދިނުމަށް ދައުލަތާއި މިނިވަން މުއައްސަސާތަކުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ރާއްޖޭގައި ވަނީ އުމުރުން 3 އަހަރުގެ ކުއްޖަކަށް އަނިޔާކުރުމުގެ ސަބަބުން މަރުވެސް ވެފައެވެ. އެއީ ވ. ރަކީދޫ 3 އަހަރުގެ މުހައްމަދު އިބްތިހާލެވެ.